ގިނަ ޝަރުތުތަކާއި އެކު ވަޒީފާތަކަށް ބަދަލު އައިސްފައިވާ މީހުންނަށް އެލަވަންސް ދޭ އުސޫލު އާއްމުކޮށްފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް ގެއްލުންވެ ވިޔަފާރިތަކަށް ލިބިގެން ދިޔަ ހީނަރުކަމުގެ ސަބަބުން ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ އެލަވަންސް ދޭނެ އުސޫލެއް މިއަދު އާއްމުކޮށްފިއެވެ.

ރައީސް އޮފީހުން އާއްމުކުރި މި އުސޫލަކީ އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދާނެ އުސޫލެކެވެ. އެ އުސޫލުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މި ބާބުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ، މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހުގެ ފަހުން، ކޮވިޑް19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް
ފޮނުވައިފައިވާ މީހުންނާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށް ކަމަށެވެ.

“ވަޒީފާ އަދާކުރާ ފަރާތެއް” ކަމަށް އުސޫލުގައި ބުނެފައި އެވަނީ، ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮވެގެން ނުވަތަ އެފަދަ އެއްބަސްވުމެއް ނެތް ނަމަވެސް، މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހުގައި އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ހިމެނޭނެއެވެ. އަދި ވަގުތީ ވަޒީފާ ވާން ވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށެވެ.

މި އުސޫލުގައި ބަޔާންކުރާ ފަދަ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެވޭނީ ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއް ނަމަ، މަހަކު 5،000 ރުފިޔާ، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް
ފޮނުވައިފައިވާ ފަރާތެއް ނަމަ، މަހަކު 5،000 ރުފިޔާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއް ނަމަ، އެފަދައިން އުނިކުރާ އަދަދު
އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ 5،000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ ފަރާތަކީ، އެ އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުތު ފުރިހަމަވާ ފަރާތެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

އެލަވަންސް ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި ނުވަތަ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތަކަށްވާން ޖެހެއެވެ. އުމުރުން 18 އަށާރަ އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތަކަށް ވާންޖެހެއެވެ. އަދި 1 މާރިޗު 2020 އާ ހަމައަށް ވަޒީފާއެއްގައި ހުރި ފަރާތަކަށް ވާންޖެހެއެވެ. އަދި ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވެސް ވާންޖެހެއެވެ. ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތަކަށް ވެސް ވާންޖެހެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.