ކުރިޔަށް އޮތް ސާޖަށް ބެލުމަށްފަހު ހާއްސަ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރަނީ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދިި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ: ފޮޓޯ / ހެލްތު މިނިސްޓްރީ

ރާއްޖެއިން ކޮވިޑް19 ފެނިފައިވާއިރު އަދި މިބަލި ހަލުވިކަމާއި އެކު މިހާރުވެސް ފެތުރެމުން އަންނައިރު ސިއްހީ މާހިރުން ލަފާ ކުރަނީ ކުރިޔަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ރާއްޖެއަށް ބޮޑު ސާޖެއް އަންނާނެ ކަމަށެވެ. އެހެންކަމުން އެ ސާޖަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް" އިން ގެނެސްދިން "ގޭގަތިއްބަވާ" ލައިވް ކަވަރޭޖުގައި ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އަންނާނެ ކަމަށް ބެލެވޭ ސާޖަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ހާއްސަ ޕްލޭނެ އެކުލަވާލާ ތަންފީޒު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީންގެ ވާހަކަފުޅުގައި ވަނީ ހާއްސަކޮށް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އުމުރުން ދުވަސްވީ މީހުންގެ އިތުރުން ހުރިހާ އުމުރެއްގެ މީހުންވެސް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

"މިހާރުތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވަދޭންޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް. ޚާއްސަކޮށް އެކި ބަލިތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް. އަޅުގަނޑުމެން މިކަންކަމަށް ވަރަށްބޮޑަށް ސަމާލުވެ ފަރުވާތެރިކަމާއިއެކު ކުރިއަށް އޮތް ދެހަފްތާގައި މަސައްކަތް ކުރަންޖެހޭ" ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 904 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 495 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 304 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ. އިންޑިއާގެ 72 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން އެންމެ ގިނައިން ބަލި ޖެހިފައިވަނީ ފިރިހެނުންނަށެވެ. އެގޮތުން ބަލި ޖެހުނު ފިރިހެނުންގެ އަދަދު 700 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 120 އަށްވުރެ މައްޗަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ބިދޭސީ ދެ މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.