ޖޫރިމަނާ ކޮށްގެން ވޭތުވެދިޔަ ހަތަރު މަހު 52 މިލިއަން ދައުލަތުން ހޯދައިފި

ޓްރެފިކް ފުލުހެއް މާލޭގެ މަގެއްގެ މަތީގައި: ފޮޓޯ / ސަން

އެކިއެކި ޖޫރިމަނާތަކުން ދައުލަތުން ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި 52 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އިއްޔެ އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ހަތަރު މިލިއަން ރުފިޔާއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާ ކޮށްގެން 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ހޯދާފައިވެއެވެ.

ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ކޮށްގެން އެކު ޖުމްލަ ދައުލަތަށް ލިބިފައިވަނީ 52 މިލިއަން ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ޖޫރިމަނާ ކޮށްގެން 87.48 މިލިއަން ލިބިފައިވެއެވެ.

އާއްމު ގޮތެއްގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އެންމެ ގިނައިން ފައިސާ ލިބެނީ ޓްރެފިކް ޖޫރިމަނާއިންނެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުންގައި އޮންނަތާ މަހެއްވާން ކައިރިވަނީއެވެ. އެކަމުގެ ސަބަބުން ޕާކިން ސްޓިކާ ޖެހުމާއި އަދިވެސް އެހެން ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ކުރުން ވަނީ މެދުކެނޑިފައެވެ. އެހެންނަމަވެސް ލޮކްޑައުން ވަޔަލޭޝަން އާއި ހިލާފުވެގެން ފުލުހުން އަންނަނީ މީހުން ޖޫރިމަނާ ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.