ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ މަހު ލިބުނީ 35 މިލިއަން ރުފިޔާ

އެޗްޕީއޭ އިން މިދިޔަ މަހުގެ 30ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކ. މާފުށި ---

މިދިޔަ މަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބިގެން ދިޔަ އަދަދު މީގެ ކުރީ އަހަރާއި އަޅާ ބަލާއިރު ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އިއްޔެ އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 84 މިލިއަން ރުފިޔާ ލިބިފައެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި [އޭޕްރީލް މަހުގައި] ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ އެންމެ 35 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެކު ޖުމްލަ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 271.3 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 324.8 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ވަނީ 875.6 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ތެރޭގައި ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބުނީ 235.7 މިލިއަން ރުފިޔާއެވެ.

ލޭންޑް ސޭލްސް ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބެއެވެ. އަދި މިހާތަނަށް ދައުލަތަށް ލިބުނީ 794.75 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ އިން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 7.5 ބިލިއަން ދައުލަތަށް ލޭންޑް ސޭލް ޓެކުހުގެ ގޮތުގައި ވަނީ ލިބިގެން ގޮސްފައެވެ.

ފިނޭންސް މިނިސްޓްރީން ދާދިފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އާމްދަނީގެ ގޮތުގައި އެކު ޖުމްލަ ދައުލަތަށް މިހާތަނަށް ލިބުނު މިންވަރަކީ 5.4 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ އާމްދަނީ މިހާތަނުން ދަށަށް ގޮސްފައި މިވަނީ ކޮވިޑް19 ގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކޮށް އިގްތިސޯދަށް ލޮޅުން އަރާފައިވުމުގެ ސަބަބުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.