ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތް ޕީޖީ އަންގަވައިފި

މަޖިލިސް ކޮމެޓީއެއްގައި ޕީޖީ ހުސައިން ޝަމީމް ވާހަކަދައްކަވަނީ: ފޮޓޯ / ސަން

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތް ޕްރޮސިކިއުޓަރު ޖެނެލަރް (ޕީޖީ) އިން އަންގައިފިއެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ ގާނޫނުއަސަސާސީގެ 223 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާއި ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެ ކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އަށް ލިބިދޭ ބާރުގެ ދަށުން، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އަޅާ ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާއި ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އެކުލަވާލައި، މިއަދުން ފެށިގެން އެއަށް އަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ޕްރޮސިކިއުޓަރު ޖެނެރަލް ވަނީ އަންގަވާފައިވާ ކަމަށެވެ.

ޕީޖީ އިން މިގޮތަށް އަންގާފައިވާއިރު ހުޅުމާލޭގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފަތުރުވެރިންތަކަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި މީހުން ދޫވި މައްސަލާގައި ފުލުހުން ކުރި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ވަނީ ފުލުހުންނަށް އަންގާފައެވެ. އަދި އެ މައްސަލަ އަނބުރާ ޕީޖީ އިން ވަނީ އަނބުރާ ފޮނުވާލައިފައެވެ.

އެކަމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް މީޑިއާގައި އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

“ރާއްޖެޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި ޕްރެޒެންޓަރު އެކަމާއި ގުޅިގެން ސުވާލު ކުރެއްވުމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި މީހުންތައް ބަންދުން ދޫވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން ގެންދާތީ، އެ މައްސަލައިގައި މީޑިއާގައި ވާހަކަ ދައްކަވަން އަދި ބޭނުން ނުވާ ކަމަށެވެ.

“އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްގޮތަކަށް ވެސް ތި މައުޟޫގައި މީޑިއާގައި ޝަރީއަތް ކުރާކަށް. އެކަމަކީ ރަނގަޅު ގޮތަކަވެސް ނުވާނެ،” ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެ މައްސަލާގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެފައި ވަނީ ފުލުހުން ކުރި ތަހުގީގު ރިވިއު ކުރުމުގެ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއެކު ފުލުހުން މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. ރައީސް އޮފީހުގެ އިސް ލޯޔަރާކާ އަދި ފުލުހުންގެ އެކްސްޕާޓުން އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުލުހުން އެ މައްސަލާގައި ކުރި ތަހުގީގު ރަނގަޅު ކަމަށެވެ. އެކަށީގެންވާ ވަރަށް ހެކިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެކަމުގައި މިހާރު ޕީޖީ އާއިއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުންނަށް ދައުވާ ކުރުމާއި މެދުވެސް ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވިއެވެ.

އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތުވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ މޮނިކޮން އަމުރެއް ނެރެފައެވެ. އެ އަމުރު ނެރުނޫ ހައިކޯޓުގެ ތިން ފަނޑިޔާރަކު ހުންނަވައިގެންނެވެ. އަދި މިއީ މާލެ ސަރަހައްދު ލޮކްޑައުން ކުރި ފަހުން ހައިކޯޓު ހުޅުވި ފުރަތަމަ ފަހަރުވެސްމެއެވެ.

ސީޕީ ވިދާޅުވީ މި ދަނޑިވަޅަށް ތުހުމަތު ކުރެވޭ މީހުން ހައި ކޯޓުން ނެރެފައިވާ މޮނިކޮން އަމުރުގެ ދަށުން އެ މީހުން މޮނިޓާ ކުރެވެމުން ދާނެ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *