ވެމްކޯ މުވައްޒަފުންގެ ތެރެއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް

ވެމްކޯގެ މުވައްޒަފަކު މަގުމަތީގައި: ފޮޓޯ / ވެމްކޯ

ކޮވިޑް19 އަށް ވެމްކޯގެ މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ވެމްކޯ އިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެފައިވާ ކަމަށެވެ.

ވެމްކޯ އިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ އެ ކުންފުނީގެ ކޯލް ސެންޓަރުގެ މުވައްޒަފެކެވެ. އެ މުވައްޒަފު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު އެ ކުންފުނީގެ ހެޑް އޮފީސް ވަނީ ޑިސް އިންފެކްޓު ކޮށްފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 904 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 495 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 304 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ. އިންޑިއާގެ 72 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން އެންމެ ގިނައިން ބަލި ޖެހިފައިވަނީ ފިރިހެނުންނަށެވެ. އެގޮތުން ބަލި ޖެހުނު ފިރިހެނުންގެ އަދަދު 700 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 120 އަށްވުރެ މައްޗަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ބިދޭސީ ދެ މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *