ކޮވިޑަށް ޕޮޒިޓިވްވި މާބަނޑު މީހާ ވިހައިފި

ރައްކާތެރިކަމުގެ ގޮތުން މާކް އަޅައިގެން ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު ހިނގާފައި ދަނީ-- ފޮޓޯ/ ސަން

ކޮވިޑް19އަށް ޕޮޒިޓިވްވި މާބަނޑު މީހާ ވިހައިފިއެވެ. ވިހެއި ދަރިފުޅުގެ ހާލު ރަނގަޅެެވެ.

އެނގިފައިވާ ގޮތުގައި މި މީހާ ޓްރީޓޮޕް ހޮސްޕިޓަލްގައި ވިހާފައިވަނީ މިއަދުއެވެ. މި މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ކޭސްއާ ގުޅިގެން އައިޖީއެމްއެޗުގައި އެމީހާއާ ކޮންޓެކްޓުވި 21 ނަރުހަކު ވަނީ އެކަހެރިވެސް ކޮށްފައެވެ.

މި މީހާގެ އިތުރުން ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މާބަނޑު މީހަކުވެސްވެއެވެ. ނަމަވެސް އެމީހާގެ މާބޮޑެތި ތަފްސީލުތަކެއް އެޗްޕީއޭ އަކުން ހިއްސާއެއް ނުކުރެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 904 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 495 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 304 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ. އިންޑިއާގެ 72 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން އެންމެ ގިނައިން ބަލި ޖެހިފައިވަނީ ފިރިހެނުންނަށެވެ. އެގޮތުން ބަލި ޖެހުނު ފިރިހެނުންގެ އަދަދު 700 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 120 އަށްވުރެ މައްޗަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ބިދޭސީ ދެ މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.