ޕެންޝަން ފައިސާގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް ދޫކުރަން ސައީދު ހުށަހަޅައިފި

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ކޮވިޑް19 އާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ޕެންޝަން ސްކީމް ފަންޑަށް ޖަމާކޮށްފައިވާ ޖުމްލަ ފައިސާގެ ތިންބައި ކުޅަ އެއްބައި ރައްޔިތުންނަށް ދޫކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހުށަހެޅުއްވި އެބިލުގައި ބުނެފައިވަނީ އެ ފައިސާ ދޫކުރާނީ ތިން އިންސްޓޯލްމަންޓަކަށް ބަހާއިގެން ކޮންމެ އިންސްޓޯލްމަންޓެއް ވެސް 30 ދުވަހަށްވުރެ ގިނަދުވަސް ނުވާނޭ ގޮތުގެ މަތިން ކަމަށެވެ.

އެ ބިލު ފާސްވެ ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކޮށް ގާނޫނަކަށްވާ ހިސާބުން ފަށާދުވަހުން ފެށިގެން ގިނަވެގެން 14 ދުވަސް ތެރޭގައި ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ދޫކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. ޕެންޝަން ސްކީމުގެ ފައިސާ ދުކުރާނީ އެފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށެވެ. އެކައުންޓެއް ނެތް ފަރާތެއް ނަމަ ފައިސާ ދޫކުރާނީ އެފަރާތަކުން ލިޔުމުން ކަނޑައަޅާ ފަރާތެއްގެ އެކައުންޓަށް ނުވަތަ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރާ ޗެކަކުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ޕެންޝަން ސްކީމުގެ ފައިސާ ޖަމާކުރަންޖެހޭ ބޭންކު އެކައުންޓުގެ ތަފްސީލު، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން، ވަޒީފާ ދޭ ފަރާތް ނުވަތަ ވެރިފަރާތް މެދުވެރިކޮށް، ހޯދަންވާނެ ކަމަށްވެސް ބިލުގައިވެއެވެ.

ދާދިފަހުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނޫސްވެރިންނާއި ބައްދަލުކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އިތުރު ހަރަދެއް ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެ ފަންޑުން އެހެން ކަމަކަށް ފައިސާ ނަގާނީ އިތުރު ގޮތެއް ނެތިއްޖެނަމަ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކަމެއް ދިމާވުމުން ފައިސާ ނެގޭ ގޮތަށް މީގެ ކުރިން ޕްރޮވިޑެންޑް ޕަންޑެއް އޮތް ކަމަށާއި، ނަމަވެސް މިހާރު ރާއްޖޭގައި އޮތީ ޕެންޝަން ފަންޑެއް ކަމަށެވެ. އަދި ޕެންޝަން ފަންޑުން ކުރިއަށް ފައިސާ ނެގުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އާންމު އުސޫލުން ކުރާ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.