ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 904 އަށް އަރައިފި

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 7 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 900 އަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ތިން ބަންގްލަދޭޝް މީހުންނާއި ދެ ދިވެހިންގެ އިތުރުން އިންޑިއާ ދެ މީހަކު މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއި އެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 904 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 495 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 304 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ. އިންޑިއާގެ 72 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން އެންމެ ގިނައިން ބަލި ޖެހިފައިވަނީ ފިރިހެނުންނަށެވެ. އެގޮތުން ބަލި ޖެހުނު ފިރިހެނުންގެ އަދަދު 700 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 120 އަށްވުރެ މައްޗަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ބިދޭސީ ދެ މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *