ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކޮވިޑަށް ޓެސްޓު ކުރެވޭ ގޮތް ހެދުމަށް ޝިޔާމް ގޮވާލައިފި

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ނުރައްކާތެރި ކޮވިޑް19 ރާއްޖޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނައިރު އެބައްޔަށް ޓެސްޓު ކުރެވޭނެ ގޮތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ގާއިމް ކުރުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލައިފިއެވެ.

މާލެސިޓީ ނެގުމަށްފަހު ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް ސިޓީ އައްޑޫސިޓީގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތް ނެތުމުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމުން އެ މައްސަލަ އަށް ބަހުސް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މާލެ ނެގުމަށްފަހު އެންމެ އާބާދީ ބޮޑު އައްޑޫސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމަކީ ދިވެހި ރައްޔިތަކަށް ވީތީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

ކޮވިޑް19 ގެ ކަންކަން މެނޭޖު ކުރުމަށް ނުވަތަ އެކަމާއި ދެކޮޅަށް ކުރާ މަސައްކަތަށް މިހާރުވެސް ދިވެހި ސަރުކާރުން 814 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާތީ އެކަމާއި ކަންބޮޑުވެވަޑައިގެން ޝިޔާމް ވިދާޅުވީ ދުނިޔޭގައި ކޮވިޑަށް ޓެސްޓު ކުރެވޭ މެޝިނެއް 400 ޑޮލަރަށް ލިބޭނެ ކަމަށެވެ.

“އަޅުގަނޑުމެން މި ދައްކަނީ 400 އެއްހާ ޑޮލަރަށް ޑަބްލިއުއެޗްއޯ އެޕްރޫވް ކުރާ ރެޕިޑް ޓެސްޓު ކުރެވޭ މެޝިން. އޭގެ މެޝިނެއް ނެތިގެން އައްޑޫ ސިޓީ ފަދަ ބޮޑު އާބާދީއެއް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމަކީ މިއޮތް ބޮޑު ހޭދަ ދިވެހި ސަރުކާރުން ކުރާއިރު އެއީ އަޅުގަނޑުމެން ލަދުވެތި ވާންޖެހޭ ކަމެއް. އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަށް އެބަ އެނގޭ ދިވެހިރާއްޖޭގައި އެބަހުރި މެޝިން އަދިވެސް. އަދި ދިވެހިރާއްޖޭގައި ހުރި މެޝިންތަކުގެ ތެރެއިން ބައެއް މެޝިންތައް އެބަހުރި ސަރުކާރުން އޮފާ ކުރީމަ ސަރުކާރުން ރެޖެކްޓު ކޮށްފައިވެސް. އަޅުގަނޑަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބުނު ޝީ ގައިވެސް މެޝިނެއް އެބަހުރި ކީއްތޯވާނީ އެ މެޝިން އެކްސެޕްޓު ކޮށްފައި އެ މެޝިން އައްޑޫ ސިޓީއަށް ނުވަތަ އެ ބައްޔަށް އޮތް ތަނަކަށް ޓެސްޓު ކުރަން ގެންގޮސްގެން އެ ބޭނުން ކުރިއްޔާ،” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ކޮވިޑާއި ދެކޮޅަށް ކުރާ ހޭދަ ދިމާ ނުވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތަކަށް އަރާ ސަރުކާރުން ދައްކާ ވާހަކައާ ހަގީގަތުގައި އެކަން އޮންނަ ގޮތާއި ވެސް ދިމާ ނުވާ ކަމަށެވެ. އެތައް މިލިއަން ރުފިޔާއެއް ކޮވިޑް19 އާއި ދެކޮޅަށް ހޭދަ ކޮށްފައިވާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެ ބައްޔަށް ޓެސްޓު ކުރެވޭނެ ގޮތެއް ގާއިމްވެފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެބައްޔަށް ހާއްސަ ހޮސްޕިޓަލުތައް ގާއިމް ކުރާނެ ކަމަށް ވިދާޅުވެ އެކަންވެސް ކުރެވިފައި ނުވާތީ ޝިޔާމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

“އަޅުގަނޑު އޮންނާނެ ކުއްލި މައްސަލާގައި ވެސް ބަޔާންކޮށްފައި އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނީ އެ ރައްޔިތަކު ހުރި ކޮންމެ ހިސާބަކުން ޓެސްޓު ކުރެވޭނެ ގޮތްވުން. އަޅުގަނޑު އޮންނާނެ ކުއްލި މައްސަލާގައި ވެސް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ކޮވިދަށް ޓެސްޓު ކުރެވޭނެ ނިޒާމެއް ގާއިމްވެފައި ހުންނަން ޖެހޭނެކަމަށް،” ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މިކަމުގައި އަމަލުކުރާ ގޮތުން މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތަކީ ސަރުކާރަށް ލިބިގެން ގޮސްފައިވާ ފުރުސަތެއްގެ ގޮތުގައި ފެންނަ ކަމަށެވެ. ސަރުކާރުގެ ބައެއް ވަޒީރުން އެގޮތަށް [ލިބިގެން ދިޔަ ފުރުސަތެއްގެ ގޮތަށް] ވާހަކަދައްކަވަމުން ގެންދަވާ ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.