ޖިނާއީ އިޖުރާއަތަށް ހުށަހަޅާފައި އިސްލާހުތައް ގާނޫނުއަސާސީއާ ތައާރަޒުވޭ: މެންބަރު ހުސައިން

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު: ފޮޓޯ / މަޖިލިސް

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ހިމެނޭ ބައެއް އިސްލާހުތައް ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ހުސައިން ވަނީ ބިލުގައި ޤާނޫނުގެ 30 ވަނަ ބާބުގެ ގޮތުގައި އިތުރުކުރުމަށް ހުށަހަޅާފައިވާ ހާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ހާއްސަ އިޖުރާއަތްތަކުގެ ބާބަކީ ގާނޫނުއަސާސީއާ ހިލާފު އަދި ގާނޫނުއަސާސީއާ ތައާރުޒު ކަންތައްތަކެއް ހިމެނޭ ބާބެއް ކަމަށް ވިދާޅުވެފައެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި އެ ގާނޫނުގެ 30ވަނަ ބާބަށް ވަނީ އަކުރުތަކެއް އިތުރުކޮށް އިސްލާހު ހުށަހަޅާފައެވެ. އެގޮތުން އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާއާ ބެހޭ ގާނޫނުގެ ދަށުން ކާރިސާއެއް އިއުލާން ކޮށްފައިވާ ހާލަތުގައާ ގާނޫނުއަސާސީގެ 253ވަނަ މާއްދާގެ ދަށުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައިވާ ދަނޑިވަޅެއްގައި އެ ބާބުގައި ބަޔާންކުރާ ހާއްސަ އިޖުރާއަތްތަކަށް އަމަލު ކުރުމުގެ އިހުތިޔާރު ޕްރޮސްކިއުޓަރު ޖެނެރަލްއާ ކޯޓުތަކަށް ލިބިގެންވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މެންބަރު ހުސައިން ވިދާޅުވީ ގާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ށ) ގައި ކުއްލި ނުރައްކަލުގެ ހާލަތެއްގައިވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ ހައްގުތަކާއި މިނިވަންކަން ހިފަހައްޓައިގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ ހައްގުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 42 ވަނަ މާއްދާ (އަދުލުވެރިމާއި ހާމަކަމާއެކު ޝަރީއަތްކުރުން) ކަމަށް ބުނެފައިވާ މާއްދާ އާއި ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) (ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ހައްގުތައް) ބަޔާންކޮށްފައިވާ މާއްދާއާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާ (ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް) ހިމެނޭ ކަމަށްވެސް މެންބަރު ހުސައިންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

“އެހެންނަމަވެސް މިބިލްގައި އަލަށް އިތުރުކުރުމަށް ހުށަހަޅާފައިވާ 203 ވަނަ މާއްދާގެ ނަންބަރުތަކުގައި ކުރިން މިދެންނެވި ގާނޫނުއަސާސީގެ މާއްދާތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް އާންމު އުސޫލުން ބޭނުންކުރެވޭނެ ގޮތްތައް މިގާނޫނުގައި ކަނޑައަޅާފައިވަނިކޮށް ހާއްސަ ހާލަތްތަކެއް ކަމަށް ބުނެ ގާނޫނުއަސާސީންނާއި މި ގާނޫނުން ކަށަވަރުކޮށްދީފައިވާ ގިނަ ހައްގުތަކަކާ ތައާރަޒުވޭ. މިއީ ވަރަށް ނުރައްކާތެރިކަމެއް. އަނެއްކާވެސް މިއުޅެނީ، ގާނޫނުއަސާސީ ބަދަލުނުކޮށް ގާނޫނުއާސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަކާއި ހިލާފަށް، އާންމު ގާނޫނަކުން ބަދަލުގެންނަވަންތޯ،” މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ހުސައިން ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ މި ބިލަށް ވުރެ މިހާރު ރާއްޖެ އޮތް ހާލަތުން ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕެންޝަން ގާނޫނަށް އިސްލާހެއް ގެނައުން މާ ރަނގަޅުވާނެ ކަމަށެވެ.

މެންބަރު ހުސައިންގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވަނީ މި ބިލަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެ ބިލަށް ބަހުސް ކުރައްވަމުން، އިންތި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ދައުވާ ކުރަންޖެހޭ މުއްދަތު އިތުރު ކުރުމަށް ސަންސެޓް ބިލެއް ހެދުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ރިކޮމަންޑޭޝަނެއް ފާސްކޮށްފައިވާ ކަމަށެވެނަމަވެސް ސަރުކާރުން ހުށަހެޅި ބިލަކީ އެގޮތަށް ފޮނުވާފައިވާ ބިލެއް ނޫން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.