ޕޮޒިޓިވްވި ސިފައިންގެ އަދަދު 40 އަށްވުރެ މައްޗަށް

ސިފައިންތަކެއް: ފޮޓޯ / ޕީއެސްއެމް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ސިފައިންގެ އަދަދު 40 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ ސިފައިންނަކީ ކޮވިޑް19 އަށް ދެކޮޅަށް ކުރާ މަސައްކަތުގައި އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ކަމަށެވެ. އެހެންކަމުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ ސިފައިންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް19 އަށް ސިފައިން ހޭލުންތެރި ކުރުވުމަށާއި ވަކިވަކި ސިފައިންގެ ތެރޭގައި ކަރަންޓީންކޮށް އައިސޮލޭޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅި ނަމަވެސް ޕޮޒިޓިވްވާ ސިފައިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ޝަމާލް ވިދާޅުވިއެވެ.

"އެކަމަށް ތައްޔާރަށް ސިފައިން މިތިބީ، ސިފައިން މި ތިބީ މީގެ ތެރެއަށް ވަދެ މިތިބީ، މިކަމުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ގައުމު އަވަހަށް ސަލާމަތް ކުރުމަށްޓަކައި،" ޝަމާލް ވިދާޅުވިއެވެ.

ސިފައިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ ބަންޑާރަ ކޮށިން ބައްޔަށް ޕޮޒިޓިވްވި މީހަކާއި ކަޅުތުއްކަލާ ކޮށިން ބައްޔަށް ޕޮޒިޓިވްވި މީހަކާއި ކޮވިޑް ވިލެޖުން ބައްޔަށް ޕޮޒިޓިވްވި ސިފައިންގެ މީހުންނާއި ސިފައިންގެ ގަރާޖުން ޕޮޒިޓިވްވި މީހުންވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 900 އާއި ގާތް ކޮށްފައިވާއިރު މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 492 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 302 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ. އިންޑިއާގެ 70 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން އެންމެ ގިނައިން ބަލި ޖެހިފައިވަނީ ފިރިހެނުންނަށެވެ. އެގޮތުން ބަލި ޖެހުނު ފިރިހެނުންގެ އަދަދު 700 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 120 އަށްވުރެ މައްޗަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ބިދޭސީ ދެ މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.