ހުރިހާ ޝަރީއަތެއް ވީޑިއޯ ކޮންފަރެންސް ކުރުމަކީ އިތުރަށް ވިސްނަންޖެހޭކަމެއް: ސިރާޖު

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ހާއްސަ ހާލަތްތައް ފިޔަވައި އާންމު ހާލަތްތަކުގައި ކޯޓުތަކުގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަކީ އިތުރަށް ވިސްނަންޖެހޭ ކަމެއް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމު ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ސިރާޖު ވިދާޅުވީ އާންމު ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޝަރީއަތް ހިންގުމުން ފައިދާތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ލަސްވެފައި ހުރި މައްސަލަތައް އަވަހަށް ނިންމޭނެ ކަމަށާއި ގާނޫނީ އެހީތެރިކަން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ދައުލަތަށް ވަރަށް ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށާއި ސަބަބަކީ ރަށްތަކުގެ ކޯޓުތަކުގައި ހުކުމް ކުރަން ބާއްވަން ޝަރީއަތަށް ޕްރޮސެކިއުޓަރުން މާލެއިން ދާންޖެހުމުން އިތުރު ހަރަދުތައް ހޭދަވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

“ދައުލަތަށް ވަރަށް ބޮޑަށް ހަރަދު ވެސް ކުޑަވެގެންދާނެ. ހުކުމް ކުރާ އަޑުއެހުމަކަށް ވެސް ދެކޮޅު ޓިކެޓާއި ހުރުމާއި މި ހުރިހާ ކަމަކަށް ދައުލަތުން ވެސް ޕްރޮސެކިއުޓަރުން ފޮނުވުން އެބަދޭ، ހުކުމް ކުރާ އަޑުއެހުން ކަމުގައިވީނަމަވެސް،” ސިރާޖު ވިދާޅުވިއެވެ.

ޤާނޫނީ ވަކީލުކަން ވެސް ކުރައްވާ ސިރާޖު ވިދާޅުވީ ހުރިހާ ޝަރީއަތްތަކެއް ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަކީ ކޮމެޓީ މަރުހަލާގައި ބިލު ދިސާރާ ކުރާއިރު، ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.

އާންމު ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމާ ދެކޮޅަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ އެފަދަ ގޮތަކަށް ކުރިއަށް ގެންދާ ޝަރީއަތަކުން އިންސާފު ލިބުން ދުރު ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރުކޮށް، ސަރުކާރުގެ ފަރާތުން ސިރާޖު ސްޕޮންސަރ ކުރެއްވި ބިލުގައި ބުނެފައި ވަނީ އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެ މަތިން، ދައުވާ ލިބޭ ފަރާތާއި ދައުވާކުރާ ފަރާތުގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދައިން، ހަރަދު ކުޑަކޮށް، އަވަސްކަމާއި ރައްކާތެރިކަމާއެކު، އިންސާފު ގާއިމުކޮށްދިނުމުގެ ގޮތުން ޖިނާއި މައްސަލަތަކުގެ ޝަރީއަތުގެ މަޖލިސްތައް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ އިހްތިޔާޒު ކޯޓަށް ލިބިގެންވާ ކމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.