އިންތިގެ ފާޑުވިދާޅުވުން ސަރުކާރުން ހުށަހެޅި އިޖުރާއަތުގެ ބިލަށް!

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން --

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާތަކުގެ ހާލަތުގައި ޝަރީއަތް ކުރާނެ އިޖުރާއަތު ބަޔާންކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ފާޑުވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރުކޮށް، ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހަށް ހުށަހެޅުއްވި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށާފައެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން، އިންތި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ދައުވާ ކުރަންޖެހޭ މުއްދަތު އިތުރު ކުރުމަށް ސަންސެޓް ބިލެއް ހެދުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ރިކޮމަންޑޭޝަނެއް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ހުށަހެޅި ބިލަކީ އެގޮތަށް ފޮނުވާފައިވާ ބިލެއް ނޫން ކަމަށެވެ.

ނުރައްކާތެރި ވާހަކަތަކެއް ބިލުގައި ހިމެނިފައިވާ ކަމަށް ފާހަގަ ކުރައްވައި އިންތި ވިދާޅުވީ އާންމު ހާލަތްތަކުގައި ހުއްދަ ދެވިގެން ނުވާނެ ކަންތައްތަކަށް ވަރަށް ފުޅާކޮށް، ބިލުގައި ހުއްދަ ދީފައިވާ ކަމަށެވެ.

މި ބިލުގައި ހުރި ބައެއް ކަންބޮޑުވުން ފާހަގަކޮށްލާނަން. މިއީ ސަންސެޓް ޤާނޫނެއްގެ ގޮތަށް އައިސްފައިވާ ބިލެއް ނޫން. އާންމު ހާލަތުގައި އެހާ ފުޅާކޮށް، [ޝަރީއަތް] ކުރެވޭނެ ގޮތަށް ހުއްދަ ދިނުން ރަނގަޅު ނޫން ކަން ކަމަށް ހުއްދަ ދެވިފައިވާކަން ފާހަގަ ކުރެވޭ،” ޤާނޫނީ ވަކީލުކަން ވެސް ކުރައްވާ އިންތި ވިދާޅުވިއެވެ.

އާންމު ހާލަތްތަކުގައި މުޅި ޝަރީއަތް ވީޑިއޯ ކޮންފަރެންސްކޮށް ހިންގުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި އިންތި ވިދާޅުވީ އެގޮތަށް ޝަރީއަތް ހިންގުމަކީ އިންސާފު ލިބޭނެ ކަމެއްތޯ ދުނިޔޭގެ ޤާނޫނީ ފަންނުގެ ބޭފުޅުން ސުވާލު އުފައްދާ ކަމަށެވެ.

މިސާލެއްގެ ގޮތުގައި އިންތި ވިދާޅުވީ ހެކި ބަސް ނަގަން ހާޒިރުކުރާ މީހާ ބުއްދި ސަލާމަތުން ހުރިތޯ ބެލުމަކީ ހާއްސަ ސަމާލުކަމެއް ދީގެން ފަނޑިޔާރު ބަލަންޖެހޭ ކަމެއް ކަމަށެވެ. ވީޑިއޯ ކޮންފަރެންސްކޮށް އެފަދަ ކަންކަން ބެލިދާނެތޯ އިންތި ސުވާލު އުފެއްދެވިއެވެ.

"ވިޓްނަސް ސްޓޭޓްމަންޓެއް ހާއްސަ ހާލަތެއްގައި ނެގުމުގެ ފުރުސަތު ދެވުނެއް ކަމަކު، މުޅި ޝަރީއަތް މިގޮތަށް ހިންގައި ތުހުމަތު ކުރެވޭ މީހާ ހުރި ހާލަތު... ދެނެގަންނަން ޖެހޭނެ ކަމެއް. ވީޑިއޯ ކޮންފަރެންސް އެކަން ދެނެގަނެ، ނުކުރެވޭނެ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ފާހަގަ ކުރޭ،” މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އިންތި ވިދާޅުވިއެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ހާއްސަ ހާލަތުގައި އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލުތަކަށް ވެސް އިންތި ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ފުލުސް އޮފީހަށް ހާޒިރު ކުރުމުގެ ބަދަލުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ގެންދިއުމަށާއި ހައްޔަރު ކުރަންޖެހޭ ހާލަތުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ހައްޔަރު ކުރަން ބިލުގައި ބަޔާންކޮށްފައި އޮތުމަކީނުރައްކާތެރިކަމެއް ކަމަށެވެ.

ހައްޔަރުކޮށްފައި ތިބޭ މީހުންނާއި ތަހުގީގަށްފަހު ހައްޔަރުން ދޫކޮށްލާ މީހުންގެ މައްޗަށް ދައުވާ ކުރަންޖެހޭ މުއްދަތު އިތުރު ކުރުމަށް މަޖިލީހުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އެދިވަޑައިގެންފައިވާތީ، އެކަމަށް ވެސް އިންތި ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބައެއް ގައުމުތަކުގައި 24 ގަޑިއިރާއި 72 ގަޑިއިރު ތެރޭގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކުރާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.