މަހަކަށް ވުރެ ގިނަ ދުވަސްފަހުން ވޫހާނުން ބަލި ފެނިއްޖެ

ބަލި ފެނިފައި ވަނީ އެއް އިމާރާތެއްގައި އުޅޭ ފަސް މީހެއްގެ ފަރާތުން. އެ ފަސް މީހުން ގުޅެނީ އެއް ކްލަސްޓާއަކާ

ކޮވިޑް19ގެ އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީން ބަލި ފެތުރުން ކޮންޓްރޯލްވެ، ވައިރަސްގެ އަލާމާތެއް މީހެއްގެ ގައިން ނުފެންނަތާ މަހަކަށްވުރެ ގިނަ ދުވަސްފަހުން އަނެއްކާވެސް އެ ސިޓީން ބަލި ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ސިޓީން އިއްޔެ ވަނީ ފަސް މީހަކު ޕޮޒިޓިވްވެފައެވެ. މިއީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެ ބަލީގެ މީހަކު ފެނުނުތާ 38 ދުވަސް ފަހުން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރި ކޭސްތަކެކެވެ.

ވޫހާންގެ ސިއްހީ އިދާރާތަކުން ބުނެފައި ވަނީ ޕޮޒިޓިވްވި ފަސް މީހުންނަކީ އެއް އިމާރާތެއްގައި އުޅޭ ބައެއް ކަމަށާއި އެ މީހުން ގުޅެނީ އެއް ކްލަސްޓާއަކާ ކަމަށެވެ.

ހަރުކަށި ފިޔަވަޅުތަކާ އެކު، ވޫހާންގައި އިއުލާން ކުރި ލޮކްޑައުން އުވާލީ ބަލި ފެތުރުން ކޮންޓްރޯލްވުމުން، މިދިޔަ މަހުގެ އަށް ވަނަ ދުވަހުއެވެ.

ޗައިނާއިން ކޮވިޑް19 ޖެހިގެން، 4،633 މީހަކު ވަނީ މަރުވެފައެވެ. ދުނިޔެއިން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، އެކި ގައުމުތަކުން މަރުވި މީހުންގެ އަދަދު ތިން ލައްކައާ ކައިރިކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *