ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް އައްޑޫގައި ނެތުމުން މަޖިލީހަށް ކުއްލި މައްސަލައެއް

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް ރައްޔިތުން މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

މާލެ ސިޓީ ނެގުމަށްފަހު ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވާ ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ 35،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގައި ސާމްޕަލް ނަގައިގެން ފްލައިޓެއް ޗާޓަރު ކޮށްގެން މާލެ ގެންދިއުމަކީ ބޮޑު ހަރަދެއް އެކަމަށް ހިނގާނެ ކަމެއް ކަމަށެވެ. އައްޑޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތް ކަމުގެ ޝަކުވާ އެ ފަރާތްތަކުން ކުރަމުންދާ ކަމަށް ޝިޔާމް ހުށަހަޅުއްވާ ކުއްލި މައްސަލާގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ރަނގަޅަށް ތަމްރީނު ކުރެވިފައިނުވާކަން ފާހަގަކުރައްވާ ޝިޔާމް ހުށަހަޅުއްވާ ކުއްލި މައްސަލާގައި ވަނީ އައްޑޫގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫގެ މަސައްކަތް އަދިވެސް ނިމިފައިނުވާ ކަމަށާއި، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް މީހުން ކަރަންޓީނު ކުރަންޖެހޭ ހާލަތުގައި ބޮޑު އާބާދީއެއްގައި މީހުން ކަރަންޓީނުކޮށް ފަރުވާދިނުމުގެ ރަނގަޅު ޕްލޭނެއް ނެތްނަމަ ނުރައްކާތެރި ހާލަތަށް ހިނގައިދާނެ ކަމަށް ވިދާޅުވެފައެވެ.

އައްޑޫގައި މި ބައްޔަށް ޓެސްޓު ކުރެވޭނެ ނިޒާމު ގާއިމުކޮށް، ރައްކާތެރިކަމުގެ ވަސީލަތްތައް ހަމަކޮށްދިނުމާއެކު، ފަރުވާދިނުމަށް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވާ ހިންގުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ. ކޮންމެ އަތޮޅެއްގައި ވެސް މި ބައްޔަށް ޓެސްޓުކޮށް ފަރުވާދެވޭނެ އިންތިޒާމު ވީ އެންމެ އަވަހަކަށް ގާއިމުކުރުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.

އައްޑޫ ސިޓީން ދާދިފަހުން މާލެ އަށް ގެނައި ބަލި މީހަކު އައިޖީއެމްއެޗުގައި އޮންނަ ޕްރޮޓޮކޯލްގެ ދަށުން ނެގި ފުރަތަމަ ސާމްޕަލްގެ ނަތީޖާ އިން ދެއްކީ ބައްޔަށް ޕޮޒިޓިވް ކަމަށެވެ. އެއާއި އެކު މުޅި އައްޑޫ 14 ދުވަހަށް ލޮކްޑައުން ކުރިއެވެ. ނަމަވެސް ދެވަނަ އަށް ނެގި ސާމްޕަލް ނެގެޓިވްވުމުން އައްޑޫ ސިޓީގެ ލޮކްޑައުން ވަނީ ނަގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *