ގާނޫނުގައި ބުނެފައިވާ މުއްދަތަށް ގަވާއިދު ނުހެދުމުން ފިޝަރީޒް މިނިސްޓްރީ ގާނޫނާއި ހިލާފުވެއްޖެ: ކޮމެޓީ ރިޕޯޓު

Zaha
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބުނެފައިވާ ދުވަހަށް ހެދިފައި ނުވާތީ ފިޝަރީޒް މިނިސްޓްރީ ގާނޫނާއި ހިލާފުވެއްޖެ ކަމަށް ގަވާއިދު ކޮމެޓީން ބުނެފިއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ދުވަހަށް ނިންމާފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގަވާއިދު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިމިފައި ނުވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ އެއީ ގާނޫނުން އުފައްދާ ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަންވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ފިޝަރީޒް މިނިސްޓްރީއާ މަސްވެރިކަމުގެ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާ ނުކުރުމުގެ ސަބަބުން އެ މުއްދަތު ފަހަނައަޅާ ދިއުމަށްފަހުން މިއަދާއި ހަމައަށްވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމުގެ ސަބަބުން އެ މިނިސްޓްރީ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ކޮމެޓީއަށް ގަބޫލުކުރެވޭ ކަމަށާއި ފިޝަރީޒް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާކަމަށް ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ކޮމެޓީން ވަނީ އެކަމުގައި މަޖިލީހަށް ފެންނަ ގޮތެއް ނިންމައި ދިނުމަށް އެދި ކޮމެޓީ ރިޕޯޓު ތަޅުމަށް ހުށަހަޅާފައެވެ. އަދި މާދަމާ އޮންނަ ޖަލްސާ އަށް މި ރިޕޯޓު ވަނީ އެޖެންޑާވެސް ކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފިޝަރީޒް މިނިސްޓަރުގެ އަރިހުން މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

"އެހެންވީމަ އެކަން އިއްޒަތްތެރި ވަޒީރު ވަރަށް ބޮޑަށް ބަލައިގަންނާތި. އަދި އެ މަގަށް މަސައްކަތްކޮށްދެއްވުމަށް ނިހާޔަތަށް އަޅުގަނޑު އެދެން. ދެ ހަފްތާވެސް މި މަޖިލިސް ބަލައިގެންފި ނަމަ އަޅުގަނޑު އަޖައިބު ވާނެ،" ފިޝަރީޒް މިނިސްޓަރު ހާޒިރު ކުރެއްވި އެ ޖަލްސާގައި ރައީސް ނަޝީދު ވަޒީރު ޒަހާއަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނު އެކުލަވާލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.