ކޮވިޑް19 ހުއްޓުވުމަށް ސަރުކާރުން 814 މިލިއަން ހަރަދުކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނޫސްވެރިންގެ ބައްދަލުވުމުގައި: ފޮޓީޯ / ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް ކުރި ހަރަދުތައް 814.2 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ސަރުކާރުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަރަދުތަކުގެ ތަފްސީލު އަންގައިދިނުމަށް ފިނޭންސް މިނިސްޓްރީ އިން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އަންނަނީ ރިޕޯޓެއް އާއްމު ކުރަމުންނެވެ. މިއަދު އާއްމުކުރި ރިޕޯޓުގައި ވަނީ މި މަހުގެ 7ވަނަ ދުވަހާއި ހަމައަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ބަޔާންކޮށްފައެވެ.

ރިޕޯޓުން ދައްކާ ގޮތުގައި މި ހަރަދުތައް އެންމެ ގިނައިން ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީންނެވެ. ޖުމްލަ 814 މިލިއަންގެ ތެރެއިން މި ދެ އިދާރާއިން 91.5 ޕަސެންޓު ހަރަދު ކޮށްފައެވެ.

ވަކި ވަކި އިދާރާތަކަށް ބަލާލާއިރު ޑިޒާސްޓާ މެނޭޖްމެންޓްއިން ވަނީ 525.4 މިލިއަން ހަރަދުކޮށްފައެވެ. ހެލްތު މިނިސްޓްރީން ވަނީ 135.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން 27.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.

އެމްއެންޑީއެފްގެ އެކި އެކި ބޭނުންތަކަށް ވަނީ 6 މިލިއަން ހަރަދުކޮށްފައިވާއިރު ފޮރިން މިނިސްޓްރީން 3.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން 2.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މި ހަރަދުތަކަށް ފައިސާ ހޯދުމުގައި ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާއިރު ޓޫރިޒަމް ފަންޑުން 24.7 މިލިއަން ރުފިޔާ އަދި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓްގައިވެއެވެ.

ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ސަރުކާރުން ވަނީ 389.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.  ސަބްސިޑީ އަދި މާލީގޮތުން އެކި ފަރާތްތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށް 110.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ސަރުކާރުގެ ހިންގުމަށް ބޭނުންވާ އާލާތްތައް ހޯދުމަށްޓަކައި 187.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ބިމާއި އިމާރާތްކުރުމުގެ ބޭނުންތަކަށް 54.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ހިންގުމުގެ ހަރަދުތަކަށް 36.6 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ދައްކައެވެ. އަދި ދަތުރުފަތުރުގެ ހަރަދުތަކަށް 2.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.