"އަމާޒު" ބޯޓު މޮނީޓަރިންގެ ހާލަތުން ނަގައިފި

މާލޭގެ ބަނދަރުމަތިން: ފޮޓޯ / ރާއްޖެ އެމްވީ

ށ އަތޮޅާއި ނ އަތޮޅު އަދި ހއ އަތޮޅުގެ ބައެއް ރަށްރަށަށް މީހުން ގޮވައިގެން ދަތުރުކުރި “އަމާޒު” ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު އެ ބޯޓު މޮނީޓަރިންގެ ހާލަތަށް ލާފައި އޮތުމަށްފަހު މިއަދު އެ ބޯޓު މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.

މި ބޯޓު މާލެއިން ފުރާފައިވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެއީ މާލެއިން ކޮވިޑް19 އަށް މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާން ކުރި ދުވަހެވެ.

މި ބޯޓު ވަނީ ނ. މާފަރާއި ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ، މާއުނގޫދޫ އަދި ފީވައްގެ އިތުރުން ހއ. އުތީމާއި ދިއްދޫ އަށް ދަތުރުކޮށްފައެވެ.

މި ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު ނ. ހޮޅުދޫ ށ. ފުނަދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ށ. ފީވަށް، އަދި ށ. މާއުނގޫދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެއިތުރުންވެސް ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ، ހއ. އުތީމު އަދި ހއ. ދިއްދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ވެސް ގެނެއެވެ.

އަމާޒު ބޯޓު ކޭސްއާ ގުޅިގެން ޖުމްލަ 11 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މީގެކުރިން ވަނީ ބުނެފައެވެ. “އަމާޒު” ބޯޓުގެ ކެޕްޓަން އަކީ ށ. ނަރުދޫ މީހެކެވެ. މި ކޭސްގައި 11 މީހުންވެސް ޕޮޒިޓިވްވެފައި ވަނީ ނަރުދޫއިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.