ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ތިން މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެތެރެއިން ދެ މީހަކު ވެންޓިލޭޓަރުގައިވާއިރު ދެން އޮތް މީހާގެ ހާލަތު ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ޖުމްލަ 11 މީހަކު މިހާތަނަށް އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނައިރު ދެ ބިދޭސީންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެއީ 54 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ.

މިއަދުވެސް ބަންގްލަދޭޝް 18 މީހަކާއި 9 ދިވެހިންނަށް ކޮވިޑް19 ޖެހިފައިވެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 862 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ. މި ބައްޔަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ތިން މީހަކު ވަނީ ރާއްޖެއިން މަރުވެސް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *