ފަތުރުވެރިންނަށް ހަމަލާދިން މީހުން ދޫވި މައްސަލައިގެ މައުލޫމާތު މަޖިލީހަށް ހިއްސާކުރާނަން: ޕީޖީ

ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް --

ހުޅުމާލޭގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފަތުރުވެރިންތަކަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި މީހުން ދޫވި މައްސަލާގައި ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މީޑިއާގައި މިވަގުތު އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށާއި އެހެންނަމަވެސް އެ މައްސަލަ މަޖިލީހުން ބަލަމުން ގެންދާތީ އެ މައުލޫމާތުތައް މަޖިލީހަށް ހިއްސާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މި މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފުރަތަމަ ފޮނުވުމުން ތަހުގީގު އިތުރަށް ފުރިިހަމަ ކުރުމަށް އަންގައި ޕީޖީން އަނބުރާ ފުލުހަށް މައްސަލަ ފޮނުވާލާފައެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރުމަށް ލިބޭ ގާނޫނީ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ މައްސަލައިގައި ދައުވާ ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ބަންދުވެފައެވެ.

"ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ޕްރެޒެންޓަރު އެކަމާއި ގުޅިގެން ސުވާލު ކުރެއްވުމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި މީހުންތައް ބަންދުން ދޫވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން ގެންދާތީ، އެ މައްސަލައިގައި މީޑިއާގައި ވާހަކަ ދައްކަވަން އަދި ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްގޮތަކަށް ވެސް ތި މައުޟޫގައި މީޑިއާގައި ޝަރީއަތް ކުރާކަށް. އެކަމަކީ ރަނގަޅު ގޮތަކަވެސް ނުވާނެ،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެ މައްސަލާގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެފައި ވަނީ ފުލުހުން ކުރި ތަހުގީގު ރިވިއު ކުރުމުގެ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއެކު ފުލުހުން މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. ރައީސް އޮފީހުގެ އިސް ލޯޔަރާކާ އަދި ފުލުހުންގެ އެކްސްޕާޓުން އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުލުހުން އެ މައްސަލާގައި ކުރި ތަހުގީގު ރަނގަޅު ކަމަށެވެ. އެކަށީގެންވާ ވަރަށް ހެކިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެކަމުގައި މިހާރު ޕީޖީ އާއިއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުންނަށް ދައުވާ ކުރުމާއި މެދުވެސް ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވިއެވެ.

އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތުވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ މޮނިކޮން އަމުރެއް ނެރެފައެވެ. އެ އަމުރު ނެރުނޫ ހައިކޯޓުގެ ތިން ފަނޑިޔާރަކު ހުންނަވައިގެންނެވެ. އަދި މިއީ މާލެ ސަރަހައްދު ލޮކްޑައުން ކުރި ފަހުން ހައިކޯޓު ހުޅުވި ފުރަތަމަ ފަހަރުވެސްމެއެވެ.

ސީޕީ ވިދާޅުވީ މި ދަނޑިވަޅަށް ތުހުމަތު ކުރެވޭ މީހުން ހައި ކޯޓުން ނެރެފައިވާ މޮނިކޮން އަމުރުގެ ދަށުން އެ މީހުން މޮނިޓާ ކުރެވެމުން ދާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.