ސަރުކާރުން ކޮވިޑްގެ ނަމުގައި ލައްކަ ހަޑި ހާވައިފި: ޝިޔާމް

މިއަދު ރާއްޖެއަށް ކުރިމަވެފައި މިވާ ކޮވިޑް19 އާއި ގުޅިގެން އެކަމުގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލައްކަ ހަޑި ހާވާފައިވާ ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓުގައި މައިގަނޑު ގޮތެއްގައި ފާޑު ވިދާޅުވެފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށެވެ. އެއީ މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކާއި ވިދިގެންނެވެ.

އެކަމަށް ފާޑު ވިދާޅުވެ ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އަމާޒު ކުރައްވާ މިނިސްޓަރު އިމްރާން ދޮގު ވާހަކަފުޅުން ދޭހަވީ އަދުގެ ސަރުކާރު ފެއިލްވެފައިވާ މިންވަރު ކަމަށެވެ.

"ސަރުކާރުން ކޮވިޑްގެ ނަމުގައި ލައްކަ ހަޑި ހާވައިފި. އޭގެތެރެއަށް އިދިކޮޅު ކޯލިޝަން ދައްވަން ނޫޅުއްވާ. ކޮބައިތޯ ޑޮކިއުމަންޓުތައް،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވަނީ ވަނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިދިކޮޅު ބައެއް ލީޑަރުން ވެސް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ބޮޑު ނިންމުމެއް ނިންމި ދުވަހު އިދިކޮޅު ޕާޓީތަކުގެ އެންމެ އިސް ލީޑަރަކު ގުޅުއްވާފައި އެ ނިންމުން ބަލައިގަންނަ ކަމާއި، މަޝްވަރާކުރުމަށްފަހު ސަރުކާރުން ނިންމާ ނިންމުންތަކަށް ތާއީދު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ދާދިފަހުން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވެސް މިނިސްޓަރު ވަނީ ހަމަ އެ މޭރުމުން ވާހަކަދައްވާފައެވެ.

ރާއްޖެޓީވީގައި މިނިސްޓަރު އިމްރާން އެފަދައިން ވާހަކަދެއްކެވުމުން އިދިކޮޅު ކޯލިޝަނުން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ވެސް ނެރެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.