ވަކި ކޮވިޑެއް ނޫން، މި ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް ތާއީދެއް ނުކުރަން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) / ފޮޓޯ- ސަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްވެސް ކަމަކަށް ގެންގުޅޭ ސިޔާސަތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތާއީދު ނުކުރާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން ދާދިފަހުން "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައިވެސް އަދި މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިދިކޮޅު ބައެއް ލީޑަރުން ވެސް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އިމްރާނަށް ރައްދު ދެއްވާ އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުން ސަރުކާރުން ގެންގުޅޭ އެއްވެސް ސިޔާސަތަކަށް ތާއީދެއް ނުކުރައްވާ ކަމަށެވެ. އަދި ބޮޑުތަނުން ފެއިލްވީ ކަމަށް އަމިއްލަ އަށް ގަބޫލު ކުރެވުމުން، ސަރުކާރުން ހަދާ ގޯސްތަކާއި ސަރުކާރުގެ އިހުމާލުގެ ވާހަކަ ދައްކާ، ސަރުކާރު ޖަވާބުދާރީ ކުރުވާ ފަރާތްތައް އަނގަ ބަންދުކުރަން އުޅުނަސް އެކަން ނުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ބޮޑު ނިންމުމެއް ނިންމި ދުވަހު އިދިކޮޅު ޕާޓީތަކުގެ އެންމެ އިސް ލީޑަރަކު ގުޅުއްވާފައި އެ ނިންމުން ބަލައިގަންނަ ކަމާއި، މަޝްވަރާކުރުމަށްފަހު ސަރުކާރުން ނިންމާ ނިންމުންތަކަށް ތާއީދު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.