ކައުންސިލަރުންގެ ދައުރު ދަންމާލާ ބިލަށް އާއްމުންގެ ހިޔާލު ހޯދަނީ

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020 އަށް އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ ބިލަށް އެއްވެސް ހިޔާލެއް އޮތް ނަމަ މި މަހުގެ 18ވާ ހޯމަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ކޮމެޓީގެ އީމެއިލް އެޑްރެސް committee@majilis.gov.mv އަށް ލިޔުމުން ފޮނުވައި ދިނުމަށް އެދޭ ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީއެވެ.

އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އަމަލުކުރާނޭ ގޮތް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެ ބިލަށް ކޮމެޓީން ވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ ހިޔާލުވެސް ހޯއްދަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރޭ ކޮމެޓީއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމައެއް ނުލެވޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *