ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުގެ ކަރާމާތް ނަގަހައްޓަން ޖެހޭ: ޑރ. ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޖަލްސާއެއްގައި ވާހަކަދައްކަވަނީ --

ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުގެ ކަރާމާތް ނަގަހައްޓަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުލަބެއްގެ ތެރޭގައި ޕާޓީ ކުރައްވާތަން ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި އާންމުވެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޝަހީމް ކުރައްވާފައިވާ ޓްވީޓެއްގައި މިއަދު ވަނީ ބިރަކާއި ނުލާ އާއިލާ ގޮވައިގެން “ރާބޮއިގެން” ކުލަބުތަކުގައި ނަށާ މަޖާކުރާ މީހުން، ވެރިންނަށް ތިބެގެން ގައުމު ރަނގަޅު މިސްރާބަކަށް ހިނގައިދާނެތޯ ސުވާލު އުފައްދާފައެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުގެ ކަރާމާތް ނަގަހައްޓަން ޖެހޭ ކަމަށެވެ. އިސްލާމީ ސަގާފަތާއި އަގީދާގެ ގަދަރު ކުޑަކޮށްލަން ފުރުސަތު ނުދެއްވުމަށް ވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އެ ވީޑިއޯއާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސަށް ސިޓީއެއް ފޮނުއްވާ އެ މައްސަލަ މިނިވަންކަމާއި އެކުގައި ތަހުގީގު ކުރުމަށް ގޮވާލައިފައެވެ.

މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އެ މައްސަލާގައި ސީޕީ ހަމީދުގެ މައްޗަށް ކުރެވޭ ތުހުމަތު ބަލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމާބެހޭ ފަރާތްތަކުގައި އެދެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ސީޕީ ހަމީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނިކުންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސީޕީ ހަމީދަކީ އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކާއި ހައްދުފަހަނަ އެޅި ފިކުރުގެ މީހުން އަޑީގައި ތިބެގެން ސީޕީ ކުރައްވާ މަސައްކަތުގެ މިސްރާބު ބަދަލުކޮށްލުމަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.