ނުރައްކާތެރި ހަމަލާއެއް މިދިޔަ ހަފްތާގައިވެސް ރޭވި، އެކަން ވަނީ ހުއްޓުވާފައި: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި މިދިޔަ ހަފްތާގެ ތެރޭގައި ނުރައްކާތެރި ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ ބަޔަކު ހުއްޓުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިވަގުތު ރާއްޖެ އޮތް ހާލަތަށް ބަލާ ކަންކަން މީހުން ރާވަމުން އަންނަ ކަމަށެވެ. އިމްރާން ވިދާޅުވީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށާއި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ އެކި ކަންކަން މި ދޭތެރެއިން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

"މިފަދަ ކަންކަމަކީ މި މުއައްސަސާތަކަށް އެނގެމުންދާ ކަންކަން. އެނގޭ ހުރިހާ ކަންކަމަކީ އަދި އަޅުގަނޑުމެން ކުއްލިއަކަށް އެބަޔަކާ މެދުގައި ފިޔަވަޅު ނާޅާ ހިނގައިދާނެ. އެނގިވަޑައިގަންނަވާނެ ވަކި ކަހަލަ އުސޫލުތަކެއް، ހަމަތަކެއް، ގާނޫނުތަކެއް އެބަހުރޭ ފިޔަވަޅު އެޅުމުގައި،" އިމްރާން ވިދާޅުވިއެވެ.

އދ. މަހިބަދޫގައި މިދިޔަ މަހު ލޯންޗުތަކެއްގައި ރޯކޮށްލި ހާދިސާ އަށް އިޝާރަތްކުރައްވައި އިމްރާން ވިދާޅުވީ، އެ ހާދިސާއަކީ ބަޔަކު ގަސްތުގާ ކުރި ކަމެއްކަން އެނގޭ ކަމަށާއި އެކަމުގެ ތަހުގީގު ކުރިޔަށްދާ ކަމަށެވެ. އެ ހަމަލާގެ ޒިންމާ އައިއެސް އިން އުފުލި ކަމުގައި ވިއަސް ފުލުހުން ބުނީ އެކަމުގެ އަޑީގައި ތިބި މީހުންނާ އައިއެސް ޖަމާއަތާ ގުޅުމެއް އޮތް ކަމެއް އަދި ނޭނގޭ ކަމަށެވެ.

އިމްރާން ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ރާއްޖެ އޮތް ހާލަތަށް ބަލާފައިވެސް ރައްޔިތުންގެ މެދުގައި އިތުރަށް ބިރުވެރިކަން އުފައްދަން ކަންކަން ކުރުމަކީ އެއްވެސް މީހަކު ރުހޭނެ ކަމެއް ނޫން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.