ކަންކަން ރަނގަޅަށް ގޮސްފި ނަމަ 2-6 ހަފްތާގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރެވޭނެ: އަލީ ވަހީދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވާހަކަދައްކަވަނީ --

ދައުލަތުގެ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ރަނގަޅު ބޯލަނބާ އަމަލު ކޮށްފި ކަމަށްވާ ނަމަ ދޭއް ނުވަތަ ހަ ހަފްތާގެ ތެރޭގައި ރާއްޖެއިން ކޮވިޑް19 ކޮންޓްރޯލް ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ރާއްޖެ މިވަންނަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މި ބަލީގައި ވަން އެންމެ ނުރައްކާތެރި އަދި އުނދަގޫ ހާލަތަށް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ މި ހާލަތު މެނޭޖު ކުރުމަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކަންކަން ރަނގަޅަށް ގޮސްފި ނަމަ، 2-6 ހަފްތާގެ ތެރޭގައި މި ބަލި ކޮންޓްރޯލް ކުރެވި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަޑުމަޑުން ލޮކްޑައުން އީޒް ކުރެވުނު ބީދައިން ކުރެވުމަކީ ބެސްޓް ކޭސް ސިނާރިއޯއެއް ޕޮސިބުލް ކަމެއް،" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ޕްލޭން ކުރެވިފައިވާ ގޮތަށް ކަންކަން ގޮސްފި ނަމަ ޖުލައި މަސް ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލެވިގެން ދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން މެދު މިނުގެ ހާލަތަކަށްވެސް ކަންކަން އަންދާޒާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބަލި ކޮންޓްރޯލްކޮށް އޮކްޓޫބަރު ހިސާބުގައި ފަތުރުވެރިކަން ހުޅުވާލެވޭ ވަރު ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަން އަލުން ހުޅުވާލާއިރު އެކަން ކުރާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަން ދިނުމަށްފަހު ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން އިކޮނޮމިކް ކައުންސިލްގައި އެކަން ކަމަށް މަޝްވަރާ ކުރުމަށް ފަހު ރައީސް އޮފީހަށް ކަރުދާހެއް ހުށަހަޅާފައިވާނެ ކަމަށް ވެސް އަލީ ވަހީދު ފާހަގަކުރެއްވިއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އަޅާފައުވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު، އަލުން ފެށުމަށްޓަކައި އަޅަން ޖެހޭ މިންގަނޑުތައް ވެސް ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިން އޮތް ފެންވަރަށް ފަތުރުވެރިކަމުގެ ސިނާއަތު ކުރިޔަށް ގެންދިއުމަށް އަހަރެއް ނުވަތަ ދޮޅު އަހަރެއް ވަރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.