އައިޖީއެމްއެޗް އަށް 35 ނަރުހުން ހޯދަން އިއުލާންކޮށްފި

ސިއްހީ އޮފިޝަލުންތަކެއް މާސްކް އަޅައިގެން: ފޮޓޯ / މިހާރު

ރެޖިސްޓާޑް ނަރުހުންގެ ގޮތުގައި އައިޖީއެމްއެޗްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މީހުން ހޯދަން އެ ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ 35 ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ. މި ނަރުހުން ހޯދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި މަސައްކަތްކުރަން ޖެހޭނީ ދުވާލަކު 8 ގަޑިއިރު ހަފްތާއެކު 5 ދުވަހުއެވެ. މުސާރައިގެ ގޮތުގައި 9060 ރުފިޔާ ލިބޭއިރު، ސާވިސް އެލަވަންސްގެ ގޮތުގައި 188 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް) ދޭނެކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާ ނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދޭނެ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މަގާމަށް ކުރިމަަތިލާ މީހުން ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު މި މަހުގެ 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކުރަން ވަނީ އެދިފައެވެ.

އައިޖީއެމްއެޗް އަށް ރަޖިސްޓާޑް ނަރުހުން ހޯދަން އިއުލާން ކޮށްފައިވާއިރު މިވަގުތު ތަފާތު އެކި ސަބަބުތަކާއި ހެދި ހިދުމަތާއި ދުރުގައި ތިބި ނަރުހުން މަސައްކަތަށް ނިކުމެ ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރުވުމަށް ނަރުހުންގެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

ރާއްޖެއިން ކޮވިޑް19 ފެނިފައިވާއިރު މިދިޔަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މާލެއިން މިބަލި އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. މިހާރުވެސް މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 800 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.