އިތުރު 27 މީހަކަށް ކޮވިޑް ޖެހިއްޖެ

ކޮވިޑް19 އަށް މީހެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަންސް

ރާއްޖެއިން އިތުރު 27 މީހަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ބަންގްލަދޭޝް 18 މީހަކާއި 9 ދިވެހިންނަށް ކޮވިޑް19 ޖެހިފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 862 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ. މި ބައްޔަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ތިން މީހަކު ވަނީ ރާއްޖެއިން މަރުވެސް ވެފައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *