ކައުންސިލް އިންތިހާބަށް ސަސްޕެންޑުކުރި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި

ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް: ފޮޓޯ / މިހާރު

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ޚާއްސަ ބިލް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވުމާއެކު، އިންތިހާބަށް ކުރިމަތިލުމުން ވަޒީފާއިން ސަސްޕެންޑުވި ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބާތިލް ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ މަޖިލީހުން ފާސްކޮށްފައިވާ ހާއްސަ ގާނޫނަކުން ކައުންސިލް އިންތިހާބު ބާތިލް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ގާނޫނު ތަސްދީގު ކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ހިސާބުން މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.

ސިވިލް ސާވިސް އިން ބުނީ އިންތިހާބު އަލުން ބާއްވާ ތާރީހު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވުމުން އަނެއްކާވެސް މުވައްޒަފުން ސަސްޕެންޑު ކުރެވިގެން ދާނެ ކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެގެން ނުވާޏެ ކަމަށާއި އެއްވެސް ކެމްޕެއިނެއް ކޮށްގެން ވެސް ނުވާނެ ކަމަށެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް އަހަރު ދުވަހުގެ ތެރޭގައި ބާއްވައި ނިންމަންޖެހޭ ގޮތަށް މަޖިލީހުން ފާސްކުރި ހާއްސަ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ އިއްޔެއެވެ.

“ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނު”ގައި ބުނެފައި ވަނީ ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބާއްވަން ޖެހޭނީ އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

ސަރުކާރުން ބިލު މަޖިލީހަށް ހުށަހެޅިއިރު، އެ ބިލު ބުނެފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 6 ކުރިން އިންތިހާބު ބާއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުން އިސްލާހު ގެނެސްފައި ވަނީ އެ ބިލު އަމަލު ކުރަންފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ ގޮތަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނުގެ އެކުލެވިގެންވަނީ 10 މާއްދާ މައްޗަށެވެ. އެ ގާނޫނު އެކުލަވަައިލާފައި ވާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށް ކަމަށެވެ. ސަންސެޓް ގާނޫނުތަކަކީ ހާއްސަ ހާލަތްތަކެއްގައި އަމަލުކުރަން ޖެހޭ ވަގުތީ ގާނޫނުތަކެކެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.

އިންތިހާބު ފަސްކުރިޔަސް އެ އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އަދި ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިހާ ބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެމްބަރުންނާއެކުގައި ކަމަށް ވެސް ޤާނޫނުގައިވެ އެވެ.

އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބިލަށް އަމަލުކުރަން ފެށުމާ އެކު ބާތިލުވާނެ އެވެ. ސަސްޕެންޝަން ބާތިލުވުމާ އެކު އެ މީހުން ކުރިން ތިބި މަގާމުތަކަށް އަނބުރާ ރުޖޫއާވާނެ އެވެ. އެކަމަކު އެ މީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑް ކުރެވެންދެން، ކެމްޕޭންގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.