އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމައެއް ނުލެވޭނެ: އޭޖީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ ރިފްއަތު ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމައެއް ނުލެވޭނެ ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ދިރާސާ ކުރަމުން އަންނަ ލާމަރުކަޒީ ކޮމެޓީން ވަނީ އޭޖީ ރިފްއަތު ބިލަށް ދެކިވަޑައިގަންނަވާ ގޮތެއް ހޯއްދުމަށް ފާސްކޮށްފައެވެ. އެގޮތަށް ހުށަހެޅީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއެވެ. ތާއީދު ކުރެއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. އެހެންކަމުން އޭޖީ ވަނީ ސިޓީއަކުން އެ ބިލާއި ދޭތެރޭ އޭޖީ ދެކިވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވާފައެވެ.

މިރޭ ބޭއްވި ލާމަރުކަޒީ ކޮމެޓީގައި އޭޖީ ރިފްއަތު އެ ބިލާއި މެދު ދެކިވަޑައިގަންނަވާ ގޮތް ކަމަށް ވިދާޅުވެ ކޮމެޓީއަށް ހުށަހަޅާފައިވާ ސިޓީ ވަނީ ކޮމެޓީގައި އިއްވާފައެވެ.

އޭޖީ ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން
އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތައް އުފައްދަން ވާނެ ކަމަސް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ އޭޖީ ވިދާޅުވީ ގާނުނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދާ ކައުންސިލްތަކުގައި ހިމަނަންވާނީ އެ ކައުންސިލްތައް ނިސްބަތްވާ ސަރަހައްދުތަކުގައިވާ ރައްޔިތުން ދިމިގްރާތީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އޭޖީ ރިފްއަތު މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ 8 ވަނަ ބާބަށް ރިއާޔަތްކުރާއިރު، ލޯކަލް ކައުންސިލްތަކަށް މިހާރު އިންތިހާބު ކުރައްވާފައިވާ ކައުންސިލް މެންބަރުންގެ މެންބަރުކަމުގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާއިރު އެ ކައުންސިލުތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ، އަމަލުކުރެވެން އޮތް ހަމައެކަނި ގޮތަކީ، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ކުރެވެންދެން، މިހާރު އެ ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަގާމުތަކުގައި ދެމިތިބޭނެ ކަމަށް ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި އެކަށައަޅާފައިވާ އުސޫލުތަކާއި ތައާރަޒުނުވާ ގޮތެއްގެ މަތިން އެކަން ކަނޑައެޅުން ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ބަދަލުކުރި ކުރުމަށް ރިއާޔަތްކުރާއިރު، އެ މާއްދާއަށް އަމަލު ކުރެވޭނެ އުސޫލު ކަނޑައަޅައިދީފައި ވަނީ އެ ގާނޫނުގެ ހަތަރުވަނަ މާއްދާގައި ކަމަށާއި އެގޮތުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރަން ވާނީ، އެ ގާނޫނަށް ކުރަން އަމަލު ފެށި ތާރީހު ކަމަށްވާ 8 ޑިސެމްބަރު 2019 އަށްފަހު ދެން އެންމެ އަވަހަށް ބާއްވާ އިންތިހާބެއްގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭޖީ ވިދާޅުވިއެވެ.

އެ ސިޓީގައި އިތުރަށް އޭޖީ ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާޙު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާ އެފަދައިން އޮތްހާ
ހިނދަކު، އެ މާއްދާ އިސްލާހު ކުރުމަކާއި ނުލާ މިހާރު ތިން އަހަރަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރުކުރެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އޭޖީ ވިދާޅުވީ އެ ހުރިހާ ކަންކަމަށް ވެސް ރިއާޔަތްކުރާއިރު، އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބު ނުކުރެވިއްޖެ ނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މިހާރު އިންތިހާބުވެފައިވާ ކައުންސިލަރުންގެ މެންބަރުކަމުގެ ދައުރު އިތުރުކޮށްގެން ކަމަށްވީނަމަވެސް، އެކަން ،ކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާ ފުރަތަމަ އިޞްލާޙުކޮށްގެން ކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ސަރުކާރުން ހުށަހެޅިއިރު، އެ ބިލާ އެކުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނު ހަތަރުވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހެޅި އެ ސަބަބުތަކަށްޓަކައި ކަމަށް ބަންޑާރަ ނާއިބު ވިދާޅުވެފައިވެއެވެ.

ސިޓީ ނިންމާލައްވަމުން އެމަނިކުފާނު ވަނީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ގާނޫނުއަސާސީގެ 8 ވަނަ ބާބު ތަރުތީބުކޮށް ތަންޒީމުކޮށްފައިވާ އުސޫލުތަކާއި އިޖުރާއާތުތަކާއި ހިލާފުނުވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ޤާނޫނީ ހުސްކަން ފޫބެއްދުމަށް އަދި ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް ގާނޫނުއަސާސީގެ 8 ވަނަ ބާބުގެ ރޫހާއި މަގްސަދު ހާސިލް ކުރުމަށްޓަކައި އަމަލު ކުރެވެން އޮތް ގޮތަކީ ގާނޫނުއަސާސީ އަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ފަދައިން އެ ގާނޫނުގެ ހަތަރުވަނަ މާއްދާ އިސްލާހުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބެވޭނެ ކަމަށް ކަނޑައެޅުން ކަމަށް އޭޖީގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.