އިންޑިއާގައި ތިބި 234 ދިވެހިން މާދަމާ ރާއްޖެ ގެންނަނީ

މޯލްޑިވިއަންގެ އެއާބަސް މަރުކާރުގެ ބޯޓެއް: ފޮޓޯ /މިހާރު

ގައުމީ އެއާލައިން މޯލްޑިވިއަންގެ 2 ފްލައިޓެއްގައި އިންޑިއާގެ އެކި ސިޓީތަކުގައި ތިބި 234 ދިވެހިން މާދަމާ ރާއްޖެއަށް އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިން ގެންނަނީ އިންޑިއާގެ 16 ސިޓީއަކުން ކަމަށެވެ. އެއީ ޕަންޖާބާއި ކަލްކަތާއާ ގުރްގުއާނާއި ރިޝިކޭޝާއި ދިއްލީއާ ވެއްލޫރާއި ޗެންނާނީއާ ޓްރިވެންޑްރަމާއި ކޮޗިންއާ ބެންގަލޫރާއި ޕޫނޭއާ ގޯއާ އަދި ޖަމްނާގަރާއި އެޒިމާލާއި ވެލިންޓަންގެ އިތުރުން ޕަޗްމާރީންނެވެ.

ފޮރިން މިނިސްޓްރީން ބުނީ މޯލްޑިވިއަންގެ އެއާބަސް މަތިންދާބޯޓު ދަތުރުކުރާނީ މާލެ އިން ދިއްލީއަށް ދިއްލީން ޓްރިވެންޑްރަމް އަށް އަދި ޓްރިވެންޑްރަމް އިން މާލެ އަށް ކަމަށެވެ. މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ މާދަމާ މެންދުރުފަހު 14:00 ގައެވެ.

މޯލްޑިވިއަންގެ ޑޭޝް މަތިންދާ ބޯޓު ދަތުރުކުރާނީ މާލެއިން ޓްރިވެންޑްރަމް އަށް އަދި ޓްރިވެންޑްރަމް އިން މާލެއަށެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ މެންދުރު ފަހު 13:10 ގައެވެ. ފްލައިޓުން ދަތުރުކުރާ ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުން މިހާރު ދަނީ ދިއްލީ އަދި ޓްރިވެންޑްރަމަށް ދިޔުމަށް ދަތުރުކުރަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ،

އެ ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާއި ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއާޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެއެވެ. ފޮރިން މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ފްލައިޓްތައް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *