ފުލުހުންގެ ތަހުގީގުތަކުގައި މައްސަލަ އުޅޭކަން އަބަދުވެސް ފާހަގަވޭ: މެންބަރު ސިރާޖު

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް/ ފޮޓޮ- ރައްޔިތުންގެ މަޖިލިސް

ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު ފުލުހުން ކުރާ ތަހުގީގުތަކުގައި އަބަދުވެސް މައްސަލަތައް އުޅޭކަން ފާހަގަކުރެވޭ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފަތުރުވެރިންތަކަކަށް ހަމަލާ ދިން މައްސަލާގައި ފުލުހުން ކޮށްފައިވާ ތަހުގީގު ފުރިހަމަ ނުވާ ކަމަށްބުނެ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އިން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުންތައް ފުލުހުންނަށް އަންނަނީ އަމާޒު ވަމުންނެވެ. އެގޮތުން ރައްޔިތުން މަޖިލިސް ތެރެއިންވެސް ބައެއް މެންބަރުން އަންނަނީ ފުލުހުންގެ ތަހުގީގުތަކާއި ގުޅިގެން ސުވާލުތައް އުފައްދަމުންނެވެ.

ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ފަރާތްތަކަށް ކުރި ދައުވާތަކާއި ގުޅިގެން ގިނަ ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހެކި ހޯދުމަކީ ތަހުގީގުކުރާ ފަރާތުގެ ކަމެއް ކަމަށެވެ. އަދި ހެއްކާއެކު ހުށަހެޅުމުން ޕީޖީން އެ މައްސަލައެއްގައި ދައުވާ ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

"ފުލުހުންގެ ތަހުގީގުގައި މައްސަލަތައް އުޅޭކަން ދިފާއީ ވަކީލެއްގެ ގޮތުގައި އުޅުނުއިރު އަބަދުވެސް ފާހަގަވޭ. އިޖުރާއަތްތަކަށް ފުލުހުން ފަރިތަކުރުވަންޖެހޭ،" ސިރާޖުގެ ޓްވީޓުގައި އޭނާ ވިދާޅުވިއެވެ. 

އެ މައްސަލައާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުން ކޮށްފައިވާ ތަހުގީގު ފުރިހަމަ ކަމަށާއި އެ މައްސަލާގައި ފުލުހުން އެކަށީގެންވާ ވަރަށް ހެކިވެސް ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތުވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ މޮނިކޮން އަމުރެއް ނެރެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *