އަނިޔާތަކުން ސަލާމަތްކޮށް ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ޔަގީން ކޮށްދޭނަން: ރައީސް

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ކުޑަކުދިންނަށް ކުރާ އަނިޔާތަކުން އެކުދިން ސަލާމަތްކޮށް އެކުދިންނަށް އުފާވެރި މުސްތަގުބަލެއް ޔަގީން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އަރިސް ކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ރަނގަޅު ކާނާ އާއި ތައުލީމު ލިބޭކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ ވެސް އެބަލިން ކުޑަކުދިން ސަލާމަތް ކުރުން ކަމަށެވެ.

ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން ސަލާމަތް ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއިރު ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު ވަނީ ހާއްސަ ކޮމިޝަނެއް ވެސް އުފައްދާފައެވެ.

މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ. މީގެ އިތުރުން، ކުޑަކުދީންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެހެނިހެން ގަވާއިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ދިރާސާއެއް ހިންގުމެވެ.

މީގެއިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް ފާސްކޮށް އެއަށްވެސް އަމަލު ކުރަން މިހާރު ވަނީ ފަށާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.