މާލިއްޔަތު ކޮމެޓީގެ ކަންނެތްކަން އެބަ ފެނޭ: ޒަރިޔަންދު

އިސްމާއީލް ޒަރިޔަންދު--

ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާ ރައްޔިތުންގެ ފަރާތުން އެކަން ޒިންމާދާރު ކުރުވަން ތިބޭ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެންބަރުން ކަމަށާއި ނަމަވެސް އެ ކޮމެޓީގެ ފަރާތުން ފެންނަމުން ދަނީ ކަންނެތްކަން ކަމަށް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ތެރޭގައި މިހާރުވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ވިދާޅުވެ ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ހިނގަމުން އަންނަ ހިޔާނާތާއި ވައްކަންތަކުގެ މުގޫ އޮތީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އެއް ވައްކަން ކަމަށްވާ އެމްއެމްޕީއާރްސީ މައްސަލާގައި ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ އެކަން ތަހުގީގު ކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ހުރަސް އަޅައިގެން ނުވާނެ ކަމަށާއި އަދި ރައްޔިތުންގެ ފަރާތުން ކަންކަން ޒިންމާދާރު ކުރުވުމަށް އޮތީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ނަމަވެސް ފެންނަނީ އެ ކޮމެޓީގެ ކަންނެތްކަން ކަމަށް ޒަރިޔަންދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުންވެސް ޒަރިޔަންދު ވަނީ އިތުރު ޓްވީޓެއްގައި އެމްއެމްޕީއާރްސީގެ ރިޕޯޓު މިއަހަރު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން، މުޅި ރައްޔިތުންގެ މަޖްލިސް ކެކި އެރި ކަމަށް ވިދާޅުވެފައެވެ.

“ނަމަވެސް އެ މަޖިލީހާއި ސަރުކާރުގެ ތެރެއިން ތަހުގީގީ އިދާރާތަކަށް ޖެއްސުންކޮށް ރައީސުލްޖުމްހޫރިއްޔާގެ އަގުވައްޓާލުމަށް ކުރާ މަސައްކަތް މިހާރު ހުއްޓާލާ،” ކޮރަޕްޝަނާއި ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވަމުން ގެންދަވާ ޒަރިޔަންދު ވިދާޅުވިއެވެ.

ދާދިފަހުން ބޭއްވި މަޖިލިސް ޖަލްސާއެއްގައިވެސް އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ބައެއް މެންބަރުން ވަނީ ގޮވާލައިފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި އެމްއެމްޕީއާރްސީއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް މާލިއްޔަތު ކޮމެޓީން “ޕާކުކޮށްފައި”ވާ ކަމަށް ބުނެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ ފާޑު ވިދާޅުވެފައެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ނުނެރެގެން އެމްޑީޕީގެ މެމްބަރުން މުޒާހަރާ ކުރި ގޮތަށް، އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރެ، ލަސްވާ ސަބަބު މަޖިލީހުގެ 65 މެމްބަރުން ބައްލަވަންޖެހޭ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި އެމްޑީޕީގެ މެމްބަރަކު ވެސް ޖެހިފައި ހުރެދާނެ ކަމަށާއި އެއީ އެ މައްސަލަ ނުބަލަންޖެހޭ ސަބަބެއް ނޫން ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

އޭނާ ދެއްކި ވާހަކައަށް ރައްދު ދެއްވައި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ އެ ކޮމެޓީން ނިންމާފައި އޮތް އެމްއެމްޕީއާރްސީގެ ރިޕޯޓެއް ޕާކުކޮށްފައި ނޯންނާނެ ކަމަށާއި ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނާޝިޒު ވިދާޅުވީ އެ މައްސަލަ ބެލުމުގައި ކޮންމެ ފަރާތެއް ހިމެނުނަސް، އެ ފަރާތެއްގެ މައުލޫމާތު ރިޕޯޓް ހިމަނާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.