މާލެ ސަރަހައްދަށް އަޅާފައިވާ ފިޔަވަޅުތައް "ހަރުކަށި" ކުރާކަށް ނޫޅޭ: މަބްރޫކް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް --

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދަށް އަޅާފައިވާ ފިޔަވަޅުތައް "ހަރުކަށި" ކުރާކަށް ނޫޅޭ ކަމަށާއި ސޯޝަލް މީޑިއާގައި ފެތުރެމުން ދަނީ ދޮގު ވާހަކައެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދަށް އަޅާފައިވާ ފިޔަވަޅުތައް ހާއްސަކޮށް ލޮކްޑައުން އިތުރަށް ހަރުކަށި ކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މެސެޖެއް ދައުރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ސަރުކާރުގެ ތެރޭގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް އެ މެސެޖުގައި ބުނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ވައިބާގައި ދައުރުވާ މެސެޖެއް މާލޭގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް ގެެއިން ނުނިކުމެވޭ ގޮތް ހަދާ ޑެލިވަރީ ހެދުން ހުއްޓާލާ ހުރިހާ ފިހާރައެއް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް މެސެޖެއް ލިޔެ އެބަ ދައުރު ކުރޭ، މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން". މަބްރޫކް ވިދާޅުވިއެވެ.

ދާދިފަހުން ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފްތާ އަކީ ރާއްޖޭގައި ކޮވިޑް19 އިތުރަށް ފެތުރިގެން ދާނެ ދެ ހަފްތާ ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް އެކަމަށް ތައްޔާރުވެ ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސް ކުރައްވާފައެވެ.

"މިފަދަ ކަމެއް ކުރުމުގެ މަޝްވަރާއެއް އެއްވެސް ކޮމެޓީއެއްގައި އެއްވެސް މޭޒެއް މަތީ، މިކަމާއި ގުޅިގެން ސަރުކާރުގެ މަޝްވަރާތަކުގެ ތެރޭގައި ކުރެވިފައެއް ނުވޭ،" ސޯޝަލް މީޑިއާގައި ދައުރުވާ މެސެޖާއި ގުޅިގެން މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ކޮވިޑް19 ފެނުނީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލެ ސިޓީ ނުވަތަ މާލެ ސަރަހައްދު މިވަނީ ލޮކްޑައުން ކޮށްފައެވެ. ފުލް ލޮކްޑައުން މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާއިރު މަގުތަކަށް ނިކުމެވެނީ ފުލުހުންގެ ހާއްސަ ހުއްދަތަކެއް ލިބިގެންނެވެ. މާލެއަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އެކަން ވެސް ކުރެވެނީ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ލިބިގެންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.