ކޮވިޑް ޖެހުނު 9 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑް19 އަށް ޓެސްޓު ކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރިންތަކެއް ޕީޕީއީ ލައިގެން ---

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް އައިއިރު ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 ދިވެހިންނާއި 13 ބިދޭސީންނާއި އެކު ޖުމްލަ 29 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މީގެކުރިން އިއުލާން ކޮށްފައި ވަނީ 20 މީހަކު ބަލިން ރަނގަޅުވެފައިވާ ވާހަކައެވެ. އެހެންކަމުން 29 މީހަކު ބަލިން ރަނގަޅުވުމުން އިތުރު 9 މީހަކު މިވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން ގެންދަނީ 751 މީހެކެވެ.

ރާއްޖެއިން މިހާތަނަށް 785 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ. އޭގެތެރޭގައި 257 ދިވެހިންނާއި 528 ބިދޭސީއަކު ހިމެނެއެވެ. މިއަދުވެސް 41 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *