އިތުރު 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް މީހެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަންސް

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަކުރީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒްއެވެ.

މިއަދު ވަނީ މީގެކުރިންވެސް ކޮވިޑް19 އަށް 22 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ 16 ބަންގްލަދޭޝް މީހަކާއި ހަތަރު ދިވެހިންނާއި އިންޑިއާ އަދި ނޭޕާލް އަށް ނިސްބަތްވާ ރައްޔިތެކެވެ. އޭގެފަހުން ފަހުން ޕޮޒިޓިވްވި 19 މީހުންގެ ތަފްސީލެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ. އެހެންކަމުން މިއަދު އެކަނިވެސް 41 މީހަކު ރާއްޖެއިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 785 އަށް އަރާފައެވެ. އޭގެތެރޭގައި 257 ދިވެހިންނާއި 528 ބިދޭސީއަކު ހިމެނެއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ. މި ބައްޔަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ތިން މީހަކު ވަނީ ރާއްޖެއިން މަރުވެސް ވެފައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *