ޝިޔާމްގެ ސުވާލު ސަރުކާރަށް: ކޮވިޑަށް ހާއްސަކުރި 5 ހޮސްޕިޓަލު ކޮބާ؟

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް ރައްޔިތުން މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ކޮވިޑް19 ރާއްޖެއިން ފެނިފައިވާއިރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ހޮސްޕިޓަލު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މީގެކުރިން އިއުލާން ކޮށްފައިވާތީ އެ ފަސް ހޮސްޕިޓަލު މިއަދު ކޮބައިތޯ ކަމަށް ބުނެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.

މިދިޔަ މަހުގެ 13ވަނަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 އަށް ފަރުވާ ދިނުމުގެ ކަންކަން އަތޮޅުތަކުގައިވެސް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ފަސް ސަރަހައްދެއް ކަނޑައެޅި، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވަނީ ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ ފަސް ސަރަހައްދާއި، އެތަންތަނުގައި ހަމަޖައްސާ އިންތިޒާމްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ހަމަޖައްސާފައިވާ ސަރަހައްދުތައް:

* ށ. އަތޮޅު ހޮސްޕިޓަލް : 20 އައި.ސީ.ޔޫ އަދި 37 އައިސޮލޭޝާން އެނދު

* ބ. އަތޮޅު ހޮސްޕިޓަލް : 20 އައި.ސީ.ޔޫ އަދި 37 އައިސޮލޭޝަން އެނދު

* ލ. ގަން ރީޖަނަލް ހޮސްޕިޓަލް : 20 އައި.ސީ.ޔޫ އަދި 23 އައިސޮލޭޝަން އެނދު

* ގއ. އަތޮޅު ހޮސްޕިޓަލް : 23 އައި.ސީ.ޔޫ އަދި 12 އައިސޮލޭޝަން އެނދު

* ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް : 23 އައި.ސީ.ޔޫ އަދި 22 އައިސޮލޭޝަން އެނދު

މަބްރޫކް ވިދާޅުވީ، މި 5 ސަރަޙައްދުގައިވެސް އައިސީޔޫތަކާއި، އައިސޮލޭޝަން އެނދުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެތަންތަނުން ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޮވިޑް19 އަށް މިހާރު ޓެސްޓު ކުރެވެމުން ދަނީ އައިޖީއެމްއެޗް އިންނެވެ.

ނަމަވެސް މިއަދު މާލެ ސިޓީ ނެގުމަށްފަހު ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީ އިން މާލެ ގެންދިޔަ ބަލި މީހެއްގެ ގައިން ކޮވިޑް19 އަށް ނެގި ފުރަތަމަ ސާމްޕަލް ނެގުމާއި އެކު އެ ސިޓީގައި ޓެސްޓު ކުރެވޭނެ ގޮތް ނެތް ކަމަށްބުނެ އެތައް ފާޑު ކިޔުމެއް އަންނަނީ އަމާޒުވަމުންނެވެ. މީގެއިތުރުން މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކުރެއްވި ޓްވީޓެއްގައި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރެވި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވަރަށް އަވަހަށް ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާބާދީ އެންމެ ބޮޑު އެއް ސިޓީގައި މިހާ ދުވަސްވީއިރު ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި ކޮވިޑަށް ހާއްސަ ކުރި ފަސް ހޮސްޕިޓަލް ކޮބައިތޯ ޝިޔާމް ވަނީ ސުވާލު އުފައްދާފައެވެ. އަދި ކޮވިޑް19 އާއި ގުޅިގެން ދައުލަތުން މިދިޔަ މަހުގެ 30ވަނަ ދުވަހާއި ހަމައަށް ހޭދަކުރި 680 މިލިއަން ރުފިޔާއިން ކުރީ ކޮން ކަމެއްތޯ ޝިޔާމް ވަނީ ސުވާލު އުފައްދާފައެވެ.

އައްޑޫ އިން މިއަދު ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެމީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ކޮވިޑް19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ މާޗް 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *