ސީޕީ ހަމީދަކީ އިހުލާސްތެރިއެއް، ސަރުކާރު ހިސާރުކުރަން ޖާގައެއް ނުދޭނަން: ނަޝީދު

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު: ފޮޓޯ / ރައީސް އޮފީސް

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީ އިހުލާސްތެރިއެއް ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ކޮމްޕްރޮމައިޒު ކޮށްގެން ސަރުކާރު ހިސޯރު ކުރުމުގެ ޖާގަ ނުދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ކޮމިޝަނަރު ހަމީދު ކުލަބެއްގެ ތެރޭގައި ޕާޓީ ކުރައްވާތަން ފެންނަ ކަމަށް ބުނާ ވީޑިއޯއާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ ކަމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ސީޕީ ހަމީދަށް ފާޑު ކިޔަމުންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް ކޮމްޕްރޮމައިޒް ކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކާއި ހައްދުފަހަނަ އެޅި ފިކުރުގެ މީހުން ރެކި ތިބެ ސަރުކާރު ހިސޯރު ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ސީޕީ ހަމީދަކީ އިހުލާސްތެރި ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސީފީ ހަމީދަށް ސޯޝަލް މީޑިއާގައި ކުލަބެއްގެ ތެރޭގައި ޕާޓީ ކުރައްވާތަން ފެންނަ ފޮޓޯތަކާއި ގުޅިގެން ފާޑު ކިޔުންތައް އަމާޒުވަމުން އަންނައިރު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ އިސް ފަރާތްތަކާއި އެ ޖަމިއްޔާއިން އިސްލާމް ދީނާއި ދެކޮޅަށް ނެރެފައިވާ ރިޕޯޓު ލިޔުނު މީހުންނާއި މެދު ފިޔަވަޅު ނޭޅި ލަސްވާ މައްސަލާގައި ވެސް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *