ކޮވިޑް19އާ ގުޅިގެން އަޅާ ފިޔަވަޅުތައް އިދިކޮޅު ގަބޫލުކުރާ ކަމަށްބުނެ އިމްރާން ދެއްކި ވާހަކަތައް ދޮގުކޮށްފި

އިދިކޮޅު ޕީޕިއެމް އަދި ޕީއެންސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރާއްޖެއިން ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅުގައި އެކަމުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ ކަންކަން އިދިކޮޅު ފަރާތްތަކުން ވެސް ބަލައިގަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކަތައް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދޮގު ކޮށްފިއެވެ.

“ރާއްޖެ ޓީވީ” އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުން ކޮވިޑް19އާ ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ތައުރީފުކޮށް އިދިކޮޅު ފަރާތްތަކުން ގުޅުއްވާ ކަމަށެވެ. އަދި ސަރުކާރުން އެކަމުގައި ގެންގުޅޭ ސިޔާސަތުތައް އިދިކޮޅު ފަރާތްތަކުން ބަލައިގަންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.

“އެބޭފުޅުން ވިދާޅުވަމުން ގެންދަވާ ސަރުކާރުން އަޅަމުންގެންދަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް.ފަހަރުގައި ވެދޭނެ އެބޭފުޅުން މީޑިއާގައި ވާހަކަ ދައްކަވާއިރު ތަފާތުވާ ކަމަށް،” ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތްތަކާއި ސިޔާސަތުތައް އިދިކޮޅުން ބަލައިގަންނަ ކަމަށް ވިދާޅުވެ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާންގެ ވާހަކަތައް ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ރޭ ހޯމް މިނިސްޓަރު އިމްރާން ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ކޮވިޑް19 އިން ރައްކާތެރިވުމަށް އެއްބައިވަންތަކަމާއި އެކު ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތްކަން އެ ކޯލިޝަންގެ ފަރާތުން ތަކުރާރުކޮށް މީޑިއާތަކުގައި ހާމަކުރުމުގެ އިތުރުން ސީދާ ރައީސުލްޖުމްހޫރިއްޔާ އަރިހުގައިވެސް އެވާހަކަތައް އެކޯލިޝަންގެ ލީޑާޝިޕްގެ ފަރާތުން ދަންނަވާފައިވާ ކަމަށެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައި އިރުވެސް އެކަމަށް އެމަނިކުފާނު އިޖާބަދެއްވާފައި ނުވާކަން އިދިކޮޅު ކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅުން ބުނީ ސިޔާސީ ގޮތުން ފައިދާ ނެގުމުގެ ބޭނުމުގައި ދީނީ ތާކިހާ އަޅުއްވައިގެން، ނަމުގެ ކުރިއަށް ޝެއިޚް ވިދާޅުވާ ބޭފުޅަކު އެފަދަ ނާތަހުޒީބު ފިނޑި ކަންކަން ކުރައްވަމުން ގެންދެވުމަކީ އެ ކޯލިޝަން ކަންބޮޑުވާ ކަމެއް ކަމަށެވެ. ހަމައެއާއި އެކު އެފަދަ ދޮގުތައް ހައްދަވައިގެން އެކޯލިޝަން ބަދުނާމު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމަށް ވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ކަމުނުދާ ކަމާއި، ސިއްހީ ޚިދުމަތްތެރިންނަށް ސިޔާސީ ނުފޫޒު ފޯރުވުމެއްނެތި، އެފަރާތްތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް އެ ކޯލިޝަނުން މީގެކުރިންވެސް ގޮވާލާފައިވާ ކަމަށާއި ސަރުކާރުގެ ފަރާތުން ކުރަމުން ގެންދާ ކަންކަން ރަނގަޅު ނޫންކަމާއި، އަދި ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް، ވަގުތު ފާއިތުވުމުގެ ކުރިން އަޅަމުން ގެންދިއުމަށްވެސް އެ ކޯލިޝަންގެ ފަރާތުން މީގެކުރިން ގޮވާލަމުން ގެންދިޔަ ކަމަށްވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާއެކު ސިއްހީ މާހިރުން ދައްކާ ވާހަކަތައްވެސް ސަރުކާރުން ޤަބޫލު ނުކުރުމުގެ ނަތީޖާ މިއަދު ފެންނާން އޮތްކަން ދިވެހިރައްޔިތުން ހެކިވާނެ ކަމަށް އިދިކޮޅުން ބުނެއެވެ.

ކޮވިޑް19 ރާއްޖެގައި މިހާރު ފެތުރިފައިވާ މިންވަރަށް ފެތުރިގެން ގޮސްފައިވަނީ ސަރުކާރުގެ ދޯހޮޅި ސިޔާސަތުތަކާއި ސަރުކާރުގެ އިހުމާލު އެކުމުގައި އޮތް މިންވަރުގެ ބޮޑުކަމުންކަންވެސް ދިވެހި ރައްޔިތުން ޤަބޫލުކުރެއެވެ. އަދި ކޮވިޑް19 އިން ރައްކާތެރިވުމުގެ ނަމުގައި ދައުލަތުގެ ފައިސާ އިސްރާފުކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށް، ކޮރަޕްޝަންގެ އަމަލުތައް ހިންގައި، ބޭރުގެ އެކިއެކި ފަރާތްތަކުން ލިބޭ ހިލޭ އެހީއާއި، ނަގަމުން ގެންދާ ލޯނުތަކަށް ވާނުވާ ނޭނގި ދައުލަތުގެ އިގްތިސޯދު ހީނަރުވަމުން ދިއުމަކީވެސް އެ ކޯލިޝަނުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

އެ ކޯލިޝަނުން ބުނީ އެންމެ އިސް ސަފުގައި ހީވާގި ކަމާއެކު މަސައްކަތް ކުރަމުން ގެންދާ ސިފައިންނާއި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާކުޑަކުރެވި، އެފަރާތްތަކުގެ ރައްކާތެރިކަމަށް ބޭނުންވާ އާލާތްތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެއްވިފައި ނުވުމުގެ ސަބަބުން އެފަރާތްތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވް ވަމުން ދިއުމަކީވެސް ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ.

ރޭގެ އިންޓަވިއުގައި ހޯމް މިނިސްޓަރު އިމްރާން ވަނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތައް އަޅަނީ ސިޔާސީ ވިސްނުމުން އެއްފަރާތްވެ ތިބެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އަޅާ ފިޔަވަޅުތައް އަޅަނީ ސިއްހީ ހިދުމަތްތެރިންގެ ލަފާގެ މަތިން ކަމަށެވެ. މިކަމުގައި ސަރުކާރުން އަޅާ ފިޔަވަޅުތައް ރަނގަޅުކަން ސިއްހީ ހިދުމަތްތެރިންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.