ކޮވިޑް ހާއްސަ ހޮސްޕިޓަލަކަށް ޓްރީޓޮޕް، މިހާރުވެސް ފަސް މީހަކު ވަނީ އެޑްމިޓު ކޮށްފައި

ޓްރީޓޮޕް ހޮސްޕިޓަލް --

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަކީ ކޮވިޑް19 އަށް ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކޮށް އެ ހޮސްޕިޓަލުގައި ކޮވިޑް19 ޖެހިފައިވާ ފަސް މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީއާ ޓްރީޓޮޕް އެއްބަސްވުމެއްގައި ސޮއިކޮށް މިދިޔަ ބުދަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

“ޓްރީޓޮޕް ހޮސްޕިޓަލާއި އެންޑީއެމްއޭ އާއި އެކު 26 އޭޕްރީލްގައި އެގްރީމަންޓެއްގައި ސޮއި ކުރެވިފައި. އަދި 6 މެއި ގައި ޓްރީޓޮޕް މިވަނީ ކޮވިޑް ހޮސްޕިޓަލަކަށް ފުރަތަމަ ޕޭޝަންޓު އެޑްމިޓު ކުރެވިފައި،” ސަލީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު އަލީ ނަޒީމް ވިދާޅުވީ ޓްރީޓޮޕްގައި މިހާރު ފަސް ކޮވިޑް19 ޖެހިފައިވާ ފަސް މީހަކު އެޑްމިޓު ކުރެވިފައިވާ ކަމަށެވެ. އެމީހުންނަކީ އައިޖީއެމްއެޗުން ޓެސްޓު ކުރެވި އަދި އެ ހޮސްޕިޓަލުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާ މީހުން ކަމަށެވެ. މީގެއިތުރުން އެމީހުންނަކީ ގާތުން ފަރުވާ ދޭން ޖެހޭ ކަމަށް ލަފާ ކުރެވޭތީ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައިވާ މީހުން ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ދެ ވައްތަރެއްގެ ފަރުވާ ދޭން ޖެހޭ މީހުން އެބަ ތިބި ކަމަށާއި އެގޮތުން އެއްބަޔަކަީ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްގެން ވެސް ފަރުވާ ދެވިދާނެ ބަލި މީހުން ކަމަށާއި ދެވަނަ ބަޔަކީ ގާތުން ނުވަތަ އެޑްމިޓު ކޮށްގެން ފަރުވާ ދޭންޖެހޭ މީހުން ކަމަށެވެ.

ނަޒީމް ވިދާޅުވީ ބަލި މީހަކު ޓްރީޓޮޕް އަށް ގެންދަން ޖެހޭ ހިސާބުން އައިޖީއެމްއެޗުގައި އޮންނަ 10 ޑޮކްޓަރުންގެ ކޮމެޓީއެއްގައި އެކަމަށް މަޝްވަރާކޮށް ވާހަކަ ދައްކާނެ ކަމަށާއި އަދި އެ ކޮމެޓީން ބަލި މީހާ ޓްރީޓޮޕް އަށް ގެންދަން ނިންމާ އެކަން ޓްރީޓޮޕް އަށް ހިއްސާ ކުރާނެ ކަމަށެވެ. މިވަގުތު ޓްރީޓޮޕްގައި އޮތް ފަސް މީހުންވެސް އެ ހޮސްޕިޓަލަށް ބަދަލުކުރީ އެފަދައިން ކަމަށް ނަޒީމް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.