އައިޖީއެމްއެޗުގެ ޑޮކްޓަރަކާއި ނަރުހަކަށް ކޮވިޑް ޖެހިއްޖެ

އައިޖީއެމްއެޗުގެ މުވައްޒަފުންތަކެއް --

އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޗަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވި ޑޮކްޓަރާއި ނަރުހަށް އެ ބަލި ޖެހުނީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދަނިކޮށް ނޫން ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް ވިދާޅުވީ މި ހާލަތުގައި ބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑީ ފްރަންޓުލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ކަމަށެވެ.

މާބަނޑު މީހަކަށް ކޮވިޑް19 ޖެހުމުގެ ކޭސް އާއި ގުޅިގެން މިހާތަނަށް 16 ނަރުހަކު އައިސޮލޭޓު ވުމަށް އަންގާފައިވާ ކަމަށާއި އެގޮތަށް އެންގީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށް ނަޒީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްފަހަރާ ގިނަ އަދަދެއްގެ ނަރުހުންތަކެއް އައިސޮލޭޝަނަށް ދިއުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މިވަގުތު އެއްވެސް ނަރުހަކު [އައިސޮލޭޝަނަށް ގޮސްފައިވާ] ޕޮޒިޓިވްވެފައިވާ ނުވާ ކަމަށް ނަޒީމް ވިދާޅުވިއެވެ.

ރާއްޖެއިން ޑޮކްޓަރަކާއި ނަރުހަކުވެސް ކޮވިޑް19 އަށް ޕޮޒިޓިވްވިއިރު ފަސް ފުލުހުންނާއި 20 ސިފައިންގެ މީހަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މި ހުރިހާ ފަރާތްތަކަކީ ވެސް ކޮވިޑް19 އާއި ގުޅިގެން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެވެ.

Leave a Reply

Your email address will not be published. Required fields are marked *