އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަކަށް ގަބޫލެއް ނުކުރެވޭ: ސޯބެ

އައްޑު ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) -- ފޮޓޯ / ސަން

އައްޑޫ ސިޓީ އިން މިއަދު މާލެ ގެނައި ބަލި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ގަބޫލު ކުރެވެން ނެތް ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ އައްޑޫ ސިޓީން ކޮވިޑް19 ފެނިފައި ވަނީ ބަލިމަޑުކަން އޮތްކަން އެނގިފައި ނުވާ ދަނޑިވަޅެއްގައި ކަމަށާއި، މީގެއިން ވެސް ކޮމިއުނިޓީ ސްޕްރެޑް އޮތް ވަރު ހާމަވާ ކަމަށެވެ. ސޯބެ ވިދާޅުވީ މިހާލަތުގައި ޕޮޒިޓިވްވި މީހާގެ ގައިގާ ކުރީއްސުރެ ބަލި ހުރީކަމެއް ނޫނީ ކޮމިޔުނިޓީ ތެރެއިން ބަލި ޖެހުނީކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އައްޑޫގައި މިހާރު ކޮވިޑްގެ ކޮމިޔުނިޓީ ސްޕްރެޑެއް އެބައޮތްކަމަށް ބެލެވޭ ކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު (ސާތު) ވިދާޅުވީ އެމީހާ ބައްޔަށް ޕޮޒިޓިވްވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު ބަލި މީހާ އާއި ކޮންޓެކްޓުވި ހުރިހާ ފަރާތްތަކަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ބަލި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 26 އަށް ވުރެ ގިނަ ފަރާތްތައް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން އެމީހާ އަށް ފަރުވާދިން ފްރަންޓްލައިނުގެ ސްޓާފުން ވަކި ތަނެއްގައި އައިސޮލޭޓްކޮށްފައިވާ ކަމަށްވެސް ސާތު ވިދާޅުވިއެވެ. އެމީހާއާ ޑައިރެކްޓް ކޮންޓެކްޓުވި މީހުންގެ ތެރޭގައި ހަތް ޑޮކްޓަރަކާއި 10 ނަރުހަކު ހިމެނޭ ކަމަށްވެސް ސާތު ވިދާޅުވިއެވެ.

އައްޑޫ އިން މިއަދު ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެމީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ކޮވިޑް19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ މާޗް 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *