14 ދުވަހުގެ މުއްދަތަށް އައްޑޫސިޓީ ލޮކްޑައުން ކޮށްފި

އައްޑުސިޓި ހަންކެޑެ ބްރިޖް ސަރަހައްދު/ ފޮޓޯ- ހޮޓެލިއާ މޯލްޑިވްސް

ކޮވިޑް19 ގެ ފުރަތަމަ ކޭސް އައްޑޫސިޓީ އިން ފެނުމާއި ގުޅިގެން މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައްޑޫސިޓީ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އައްޑޫ ލޮކްޑައުން ކުރަން ނިންމީ، އެޗްޕީއޭއިން އެގޮތަށް އެންގުމުން ކަމަށެވެ. ސޯބެ ވަނީ މީގެކުރިން ވެސް އައްޑޫ ސިޓީ އިން އެކަމުގައި ހާއްސަ ފިޔަވަޅުތަކެއް ގެންގުޅުުނުކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ޑެލިވަރީ ކުރުމާއި އެއް އަވަށުން އަނެއް އަވަށަށް ދިއުމުގައި ނަގަން ޖެހޭ ހުއްދަތައް ނެގުމަކީ ވެސް ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ނަމަވެސް އައްޑޫ ސިޓީ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ހާލަތު ބަދަލުވެސް ކުރިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑިރެކްޓަރުި ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގެވުމާއި އެކު މިއަދުން ފެށިގެން އެއްވެސް މީހަކަށް ގެއިން ބޭރަށް ނިކުތުމުގެ ފުރުސަތު ނޯންނާނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

"ވަރަށް ގިނަ ދަތިތަކާ ދިމާވާނެ. ހުރިހާ ބޭފުޅުން ތިއްބަވަންވާނީ ގޭގައި. ގޭން ނުކުންނަން ވާނީ ހުއްދަ ލިބިގެން،" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދިއުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެހެން އެއްވެސް ރަށަކުން އައްޑޫގެ އެއްވެސް ރަށަކަށްވެސް މީހަކަށް އެރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ. ސޯބެ ވިދާޅުވީ މިކަމުން އަރައިގަނެވޭނީ އެންމެން ވެސް އެއްބައިވެގެން ކަމަށެވެ. އަދި އެންމެންގެ އެހީތެރިކަމާ އެކީގައި ކަމަށެވެ.

"ހުރިހާ އެންމެން، ވިޔަފާރިވެރިންގެ އެހީތެރިކަން ބޭނުން ވާނެ. އަމިއްލަ ފަރުދުންގެ އެހީތެރިކަން ވެސް ބޭނުން ވާނެ. މިކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ،" ސޯބެ ވިދާޅުވިއެވެ.

އައްޑޫ އިން މިއަދު ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެމީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ކޮވިޑް19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ މާޗް 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *