ކޮވިޑް19އާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އިދިކޮޅުން ބަލައިގަނޭ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ---

ރާއްޖެއިން ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅުގައި އެކަމުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ ކަންކަން އިދިކޮޅު ފަރާތްތަކުން ވެސް ބަލައިގަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުން ކޮވިޑް19އާ ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ތައުރީފުކޮށް އިދިކޮޅު ފަރާތްތަކުން ގުޅުއްވާ ކަމަށެވެ. އަދި ސަރުކާރުން އެކަމުގައި ގެންގުޅޭ ސިޔާސަތުތައް އިދިކޮޅު ފަރާތްތަކުން ބަލައިގަންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެބޭފުޅުން ވިދާޅުވަމުން ގެންދަވާ ސަރުކާރުން އަޅަމުންގެންދަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް.ފަހަރުގައި ވެދޭނެ އެބޭފުޅުން މީޑިއާގައި ވާހަކަ ދައްކަވާއިރު ތަފާތުވާ ކަމަށް،" ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތްތަކާއި ސިޔާސަތުތައް އިދިކޮޅުން ބަލައިގަންނަ ކަމަށް ވިދާޅުވެ އިމްރާން ވިދާޅުވިއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތައް އަޅަނީ ސިޔާސީ ވިސްނުމުން އެއްފަރާތްވެ ތިބެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އަޅާ ފިޔަވަޅުތައް އަޅަނީ ސިއްހީ ހިދުމަތްތެރިންގެ ލަފާގެ މަތިން ކަމަށެވެ. މިކަމުގައި ސަރުކާރުން އަޅާ ފިޔަވަޅުތައް ރަނގަޅުކަން ސިއްހީ ހިދުމަތްތެރިންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ހުދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަޒީރުންނަށް ހާއްސަކޮށް މިކަމުގައި ސިޔާސީ ވިސްނުން ނުގެންގުޅުމަށް އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށެވެ.

ސަރުކާރުން ވަނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައެވެ. އަދި މާޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ދާދިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރައްވާ ވިދާޅުވީ ކިތަންމެ ބޮޑު ގުރުބާނީ އެއް ވެގެންވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

މިއަދު އެކަނިވެސް ރާއްޖެއިން ކޮވިޑް19 އަށް 96 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި މުޅި ރާއްޖެއިން މިހާތަނަށް މި ބައްޔަށް ވަނީ 744 މީހަކު ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *