ކޮވިޑް19 ފަސް ފުލުހަކު ޕޮޒިޓިވްވެއްޖެ

ފުލުހުންތަކެއް ---

ރާއްޖެއިން ކޮވިޑް19 އަށް ފަސް ފުލުހުން ޕޮޒިޓިވްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކޮވިޑް19 އަށް ފަސް ފުލުހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެއާއި އެކު 170 އަށްވުރެ ގިނަ ފުލުހުން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. ކޮވިޑް19 ގެ ނުރައްކާތެރިކަން އެންމެ ބޮޑު އެއް ބަޔަކަށް ފްރަންޓުލައިންގައި މަސައްކަތް ކުރާ ފަރާތްތައްކަން ފާހަގަކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންނަކީ ވެސް ފްރަންޓުލައިންގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެކަމުގައި ފުލުހުންނަށް އޮތް ނުރައްކާ ވަކި ކުޑައެއް ނޫން ކަމަށެވެ.

"މިއީ ފުލުހުންގެ މަސައްކަތަށްވެސް އޮތް ވަރަށް ބޮޑު ޗެެލެންޖެއް، ގިނަ ބައެއް ކަރަންޓީން ވެގެން ދިއުން، އަޅުގަނޑުމެން ކުރަން ހުރި މަސައްކަތުގައި ފޯސްއަށް ލިބެމުންދާ ހީނަރުކަން އެއީ، މަދުވާ މަދުވުން އެއީ ވަަރަށް ބޮޑު ޗެލެންޖަކަށް ވޭ". އިމްރާން ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދު ފުލުހުންނާއި ސިފައިން އަދި ސިއްހީ މާހިރުންގެ ފުރާނަ އަތްމައްޗަށް ލައިގެން ކުރަމުން ގެންދާ މަސައްކަތްތަކަކީ ހިތުގެ އަޑިން ބަލައިގަނެ ޝުކުރު އަދާ ކުރަން ޖެހޭ މަސައްކަތެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ކޮވިޑް19 އާ ދެކޮޅަށް ގިނަ އަދަދެއްގެ ފުލުހުން މަސައްކަތް ކުރަމުން އަންނައިރު އެ މީހުން މަސައްކަތް ކުރަމުން ދަނީ ގެއަަށް ނުގޮސް އާއިލާތައް ކައިރިއަށް ނުގޮސް ކަމަށާއި އެހެންކަމުން އެމީހުންނަށް [ފުލުހުންނަށް] ބޭނުންވާ ކަންކަން މިހާރު ހަމަޖައްސައި ދީފައިވާ ކަމަށެވެ. ކޮވިޑް19 އަށް ފުލުހުންގެ ތެރެއިން ޕޮޒިޓިވްވުން އިތުރުވަމުން އަންނާތީ ފުލުހުންގެ ރައްކާތެރި ކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާ އެކަމަށް އިތުރަށް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަން ހުރި މަސައްކަތުގައި ފުލުހުންގެ ފޯސް އަށް ލިބެމުންދާ ހީނަރުކަން އެއީ ނުވަތަ މަދުވާ މަދުވުން އެއީ ވަރަށް ބޮޑު ޗެލެންޖަކަށްވޭ. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ފުލުހުންނާއި އެމްއެންޑީއެފްގެ ބޭފުޅުންނާއި ސިއްހީ ފަރާތްތަކާއި ނިކުމެ މަސައްކަތް ކޮށްގެން ނޫނީ ދެން ތިބި މީހުން ސަލާމަތް ކުރެވޭކަށް ނެތް،" އިމްރާން ވިދާޅުވިއެވެ.

ފަސް ފުލުހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއިރު ސިފައިންގެ ތެރެއިން ވެސް ބަޔަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ސިފައިންގެ 20 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.