އިތުރު 10 މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

ކަރަންޓީން ފެސިލިޓީތަކަށް ރާއްޖެއިން ބޭރުން އައި ދިވެހިންތައް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ޕޮލިސް

ރާއްޖެއިން އިތުރު 10 މީކަު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ 6 ބަންގްލަދޭޝް ރައްޔިތުންނާއި ހަތަރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު އެކަނިވެސް ރާއްޖެއިން މިވަނީ ކޮވިޑް19 އަށް 96 މީހަކު ޕޮޒިޓިވްވެފައެވެ.

މި 10 މީހުންނާއި އެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 744 އަށް ވަނީ އަރާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ. މި ބައްޔަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ތިން މީހަކު ވަނީ ރާއްޖެއިން މަރުވެސް ވެފައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *