ތުލުސްދޫ އިން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ

ކ. ތުލުސްދޫ --

ކޮވިޑް19 އަށް ކ. ތުލުސްދޫ އިން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މި ދެ މީހުންނާއި އެކު ކޮވިޑް19 އަށް އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6 އަކަށް އަރާފައެވެ. މި ދެ މީހުންނަކީ މިއަދު ރާއްޖެއިން ޕޮޒިޓިވްވި 86 މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި 67 ބަންގްލަދޭޝް ރައްޔިތުން ހިމެނެއެވެ. އަދި އިންޑިއާ އަށް ނިސްބަތްވާ ތިން މީހަކާއި ލަންކާއާ ނޭޕާލް އަށް ނިސްބަތްވާ މީހަކު ހިމެނެއެވެ.

މިއަދު ތުލުސްދޫ އިން ޕޮޒިޓިވްވި ދެ މީހުންނަކީ ބިދޭސީ ދެ މީހުންނެވެ. މި ދެ މީހުން ޕޮޒިޓިވްވިކަން އެރަށު ޓާސްކް ފޯސް އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ކޮން ގައުމެއް ކަމެއް ނޭނގެއެވެ.

ތުލުސްދޫ އިން މިއަދު ކޮވިޑް19 އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވި މި މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ. އެރަށުން އިތުރު މީހުން ޕޮޒިޓިވްވެފައި ވަނީ ފުރަތަމަ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވެފައިވާ މީހުންގެ ފަރާތުންނެވެ. މުޅި ޖުމްލަ އެރަށުން ޕޮޒިޓިވްވެފައި ވަނީ ދިވެއްސަކާއި ފަސް ބިދޭސީންނެވެ.

ރާއްޖެއިން މިއަދު ކޮވިޑް19 އަށް 86 މީހުން ޕޮޒިޓިވްވިއިރު އެ ބައްޔަށް މިއަދު 14 ދިވެއްސަކު ޕޮޒިޓިވްވެފައިވެއެވެ. އަދި މުޅި ޖުމްލަ ރާއްޖެއިން މިހާތަނަށް 734 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލިން 20 މީހަކު ރާއްޖެއިން ވަނީ ރަނގަޅުވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ. މި ބައްޔަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ތިން މީހަކު ވަނީ ރާއްޖެއިން މަރުވެސް ވެފައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.