އާއިލާއެއް ބައްޕަގެ އަނިޔާގައި، ދަރިފުޅު އެވާހަކަތައް އާއްމު ކުރުމުން ބައްޕަ ހައްޔަރުކޮށްފި

ގެވެށި އަނިޔާއާ ގުޅޭ ފޮޓޯއެއް ---

މަންމައާ ދައްތަ އަށް އަނިޔާކުރާ ބައްޕަގެ ވާހަކަތައް ކުއްޖަކު ސޯޝަލް މީޑިއާގައި ހިއްސާކުރިޔާ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން އެމީހާ ހައްޔަރުކޮށްފިއެވެ.

ފިރިހެން ކުއްޖަކު ވަނީ އެކުއްޖާގެ މަންމައާ ދައްތައަށް ބައްޕަ އަނިޔާ ކުރާކަމުގެ ވާހަކަތައް ފޭސްބުކްގައި ހިއްސާ ކޮށްފައެވެ. އަދި އެ ވާހަކަތައް ހިއްސާކުރިއިރު އެކުއްޖާ ވަނީ ބައްޕަގެ އައިޑީކާޑު ވެސް ހިއްސާ ކޮށްފައެވެ.

އެކުއްޖާ ބުނީ ރޭ އެކުއްޖާމެން ދިރިއުޅޭ ގެއަށް ގަދަކަމުން ވަދެ މަންމަގެ ފޯނު ފޭރިގަނެގެން ގޮސްފައިވާ ކަމަށެވެ. އަދި އެކުއްޖާގެ މަންމަ ސިޑި މައްޗަށް ކޮއްޕާލާފައިވާ ކަމަށާއި ދަމުން އެކުއްޖާއާ މަންމަ އަދި ދައްތަ އަށް މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ. މީގެކުރިން ދެ ފަހަރެއްގެ މަތިން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ބެލި ކަމަށްވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެކުއްޖާގެ ބައްޕަ އުޅުން ރަނގަޅު ކުރާނެ ކަމަށް ބުނުމުން ފުލުހުން އެމީހާ ދޫކޮށްލަނީ ކަމަށްވެސް ކުއްޖާ ކޮށްފައިވާ ޕޯސްޓުގައިވެއެވެ.

ފުލުހުން ބުނީ ރޭ ފިރިހެން ކުއްޖަކު ހިއްސާ ކޮށްފައިވާ އަނިޔާގެ ސީރިއަސް މައްސަލަ ސޯޝަލް މީޑިއާގައި ރިޕޯޓުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ ބީޓަކަށް ތުހުމަތު ކުރެވޭ ފަރާތް ފެނިގެން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކަން އާއިލާއާ ހިއްސާ ކޮށްފައިވާނެ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން ކޮވިޑް19 ފެނުމުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެގެން ދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެކަމާއި ކަންބޮޑުވުންވެސް އަންނަނީ ފާޅު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *